ސައިބަ ސެކިއުރިޓީ ހަރުދަނާކުރަން ބަހްރައިނާއި ދިރާގާއި ސަރުކާރުގެ އެއްބަސްވުމެއް

ރާއްޖޭގެ ސައިބާ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން ދިވެހި ސަރުކާރާއި ދިރާގާއި ބަހްރައިނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ ބަހްރައިންގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އަލް ޚަލީފާގެ ދައުވަތުފުޅަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެގައުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގެ ތެރެއިންނެވެ.

ރައީސް ޞާލިޙާއި އެ މަނިކުފާނުގެ އަރިހުގައި ބަހުރައިންއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިސްމާޢީލް ރަޝީދު މިއަދު ވަނީ އެގައުމުގެ މައި ޓެލެކޮމިއުނިކޭޝަން ކުންފުނި ކަމަށްވާ ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާ ބައްދަލު ކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ސައިބާ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން ބަޓެލްކޯއިން ފޯރުކޮށްދޭން އެއްބަސްވި ޚިދުމަތްތަކަކީ:

1- އެޑްވައިޒަރީ އަދި ކޮންސަލްޓެންސީ

2- ސެކިއުރިޓީ އިންޖިނިއަރިން

3- ސައިބަ ޑިފެންސް

4- ސެކިއުރިޓީ އެޝުއަރެންސް

5- ސައިބަ ތުރެޓް އެންޑް ތްރެޓް ހަންޓިން

6- އިންސިޑެންޓް ރެސްޕޮންސް

އެ އެއްބަސްވުމާ ގުޅިގެން ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ އޭގެ ސަބަބުން ސަރުކާރުގެ ގާބިލުކަން އިތުރުކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށެވެ.

"ބަޓެލްކޯއާއި ދިރާގާދެމެދު ވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ސައިބަ ސްޕޭސްއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށާއި ސަރުކާރުގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ލިބިގެންދާނެ،" ޝައުނާ ވިދާޅުވި އެވެ.

މިއަދު ބަހްރައިންގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ އެގައުމާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް ކުރެވެމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމުގައި ބަޓެލްކޯއިން ދެމުންދާ އެއްބާރުލުން ފާހަގަކުރައްވައި އެމަނިކުފާނު ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިންޓަނެޓު އަގުހެޔޮ ކުރުމަކީ މިސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި އެ ލަނޑުދަނޑިއަށް ވާސިލްވުމަށް ވެސް ބަޓެލްކޯއިން އެހީ ފޯރުކޮށްދޭކަން ފާހަގަކުރައްވައި ރައީސް އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ބަޓެލްކޯގެ ޗެއާމަން، ޝައިޚް ޢަބްދުﷲ ބިން ޚަލީފާ އަލް ޚަލީފާ ވިދާޅުވީ ކޮންމެ އިގުތިސާދެއްގެ ބިންގަލަކީވެސް ޓެކްނޮލޮޖީ ކަމަށް އެ ކުންފުނިން ދެކޭ ކަމަށެވެ. އަދި ރާއްޖޭގެ ސައިބާ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ޓަކައި ދިރާގުގެ އެއްބާރުލުމާއެކު ދިވެހި ސަރުކާރާއެކު އެއްބަސްވުމެއް ހެދުމާ މެދު އެ ކުންފުނިން ފަހުރުވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް