ފްލޯޓިން ސިޓީގެ ފުރަތަމަ ފޮޓޯ އާންމުންނަށް ދައްކާލައިފި

ފްލޯޓިން ސިޓީގެ ފުރަތަމަ ފޮޓޯ

މާލެ އަތޮޅުގައި ތަރައްގީކުރާ ފްލޯޓިން ސިޓީގެ ފުރަތަމަ ފޮޓޯ އާންމުންނަށް ދައްކާލައިފިއެވެ.

އެ މަޝްރޫއުގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހީމް ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ ފްލޯޓިން ސިޓީގެ ފުރަތަމަ ބްލޮކް ނިންމައި ފޮޓޯ އާންމުކޮށްފައެވެ. އަދި އެ ޓްވީޓުގައި ވަނީ މޫސުން ތަންދިންހާ އަވަހަކަށް މީޑިއާ އާ އާންމުންނަށް ފްލޯޓިން ސިޓީން މަރުހަބާކިޔަން ތައްޔާރުވާކަމަށެވެ.

އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ގޮތަށް މި މަޝްރޫއު ކުރިއަށްގެންދަނީ އިންޓަގްރޭޓަޑް ޓޫރިޒަމްއިންނެވެ.

ޑަޗް ޑޮކްލޭންޑްސްއަށް އެ މަޝްރޫއު ހަވާލުކުރިތާ އަހަރެއް ވާން ކައިރި ވެފައި ވަނިކޮށް، މި އަހަރުގެ ފެބްރުއަރީ މަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފައެވެ. އޭރު އެ ކުންފުނިން ބުނީ މިދިޔަ ރޯދަ މަސް ނިމެން ވާއިރަށް އެ މަޝްރޫއުގެ ފުރަތަމަ ގެތައް ނިންމާލެވޭނެ ކަމަށެވެ.

މިހާރު އިމާރާތް ކުރަމުން އަންނަ ފްލޯޓިން ސިޓީ ބިނާކުރުމަށް ހަމަޖެހިފައިވަނީ އާރަށާ އެންމެ ކައިރިން ހުޅަނގަށް އޮންނަ، ނަންބަރު 7 ފަޅުގައެވެ. މުޅި އެކު 5000 ގެ އެ ސިޓީގައި އެޅުމަށް ހަމަޖެހިފައިވެއެވެ.

ޑަޗް ޑޮކްލޭންޑްސްއާ މި މަޝްރޫއު ހަވާލުކުރި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން، 2010ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެ ކުންފުންޏާއެކު ވަނީ ފްލޯޓިން ސިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ ފަހަރުގެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ނަންބަރު 9، 19، 17 އަދި 37ގެ ފަޅުތައް ވަނީ ދީފައެވެ.

އެއަށްފަހު ބޭރުގެ ބައެއް ނޫސްތަކުގައި، 2015 ވަނަ އަހަރު މި މަޝްރޫއުގެ ޚަބަރުތައް އަނެއްކާވެސް ފެތުރުނެވެ. ނަމަވެސް އެ މަޝްރޫއަށް ވީ ގޮތެއް މިހާތަނަށްވެސް ސާފުވެފައެއް ނުވެއެވެ.

comment ކޮމެންޓް