ފްލޯޓިން ސިޓީގެ ފުރަތަމަ މޮކްއަޕް ޔުނިޓް ފަޅުގައި އަޅައިފި

ފްލޯޓިން ސިޓީގެ ފުރަތަމަ މޮކް އަޕް --- ބައިސަން މޯލްޑިވްސް

މާލެ އަތޮޅުގައި ތަރައްގީކުރާ ފްލޯޓިން ސިޓީގެ ފުރަތަމަ މޮކްއަޕް ޔުނިޓް، ފްލޯޓިން ސިޓީ ތަރައްގީ ކުރާ ސަރަހައްދުގައި ބަހައްޓައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރާ ބައިސަން މޯލްޑިވްސްއިން ކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ ފްލޯޓިން ސިޓީގެ ފުރަތަމަ މޮކްއަޕް ޔުނިޓް އެ ސަރަހައްދުގައި މިހާރު ޖަހާފައިވާ ކަމަށް ބުނެ ފޮޓޯތަކެއް އާއްމުކޮށްފައެވެ.

ފްލޯޓިން ސިޓީގެ ފުރަތަމަ ފޮޓޯ އާންމުންނަށް ދައްކާލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ގޮތަށް މި މަޝްރޫއު ކުރިއަށްގެންދަނީ ޑަޗް ޑޮކްލޭންޑްސްއިންނެވެ.

ޑަޗް ޑޮކްލޭންޑްސްއަށް އެ މަޝްރޫއު ހަވާލުކުރިތާ އަހަރެއް ވާން ކައިރި ވެފައި ވަނިކޮށް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފައެވެ. އޭރު އެ ކުންފުނިން ބުނީ މިދިޔަ ރޯދަ މަސް ނިމެން ވާއިރަށް އެ މަޝްރޫއުގެ ފުރަތަމަ ގެތައް ނިންމާލެވޭނެ ކަމަށެވެ.

މިހާރު އިމާރާތް ކުރަމުން އަންނަ ފްލޯޓިން ސިޓީ އަޅަން ހަމަޖެހިފައިވަނީ އާރަށާ އެންމެ ކައިރިން ހުޅަނގަށް އޮންނަ، ނަންބަރު ހަތެއް ފަޅުގައެވެ. މުޅި އެކު 5000 ގެ އެތަނުގައި އެޅުމަށް ހަމަޖެހިފައިވެއެވެ.

ޑަޗް ޑޮކްލޭންޑްސްއާ މި މަޝްރޫއު ހަވާލުކުރި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން، 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެ ކުންފުންޏާއެކު ވަނީ ފްލޯޓިން ސިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ ފަހަރުގެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ނަންބަރު ނުވައެއް، 19، 17 އަދި 37 ގެ ފަޅުތައް ވަނީ ދީފައެވެ.

comment ކޮމެންޓް