މަޖިލީހުގެ އިމާރާތުގެ މަރާމާތުގެ މަސައްކަތަށް 9.9 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް: އޮޑިޓް ރިޕޯޓް

ރައްޔިތުން މަޖިލީހުގެ އިދާރާ --- ސަން ފައިލް ފޮޓޯ

ރައްޔިތުން މަޖިލީހުގެ އިމާރާތް މަރާމާތުކުރުމަށް 2019 ވަނަ އަހަރު ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފު އެތައް ކަމެއް ކޮށްފައިވާކަން ހާމަވެއްޖެއެވެ.

ދައުލަތުގެ އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ، މަޖިލީހުގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މަޖިލީހުގެ އިމާރާތުގެ މަރާމާތުގެ މަސައްކަތްކުރުމަށް 9.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވަނީ، މާލިއްޔަތު ގަވާއިދާ ޚިލާފަށްކަމަށެވެ.

އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި ވާގޮތުން މަޖިލީހުގެ އިމާރާތުގައި ކުރަންހުރި ބޮޑެތި މަސައްކަތްކުރުމަށް 9،903،050 ރުފިޔާއަށް އެ މަސައްކަތް ކޮށްދޭ ކުންފުންޏާ ހަވާލުކުރުމުގެ ކުރިން ބީއޯކިއު އާއި ކުރެހުން އަދި ސްޕެސިފިކޭޝަން ތައްޔާރުކޮށްފައެއް ނުވެއެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ބިޑް ކުރުމަކާ ނުލައި ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކުނަމަވެސް މިފަދަ މަސައްކަތްތައް ކޮށްދޭ އެހެން ފަރާތްތަކުން މަސައްކަތްތަކަށް ހިނގާނެ ޚަރަދު އަންދާޒާކޮށްފައި ނުވާތީވެ, މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާފައިވަނީ ވާދަވެރި އެންމެ އެކަށޭނެ އަގެއްކަން ކަށަވަރު ކުރެވެން ނެތްކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މާލިއްޔަތު ގަވާއިދުގައި ވާގޮތުން ބީލަމުގެ ޖުމްލަ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުނަމަ ރިޓެންޝަން ފައިސާ އަނބުރާ ދޭންވާނީ މަސައްކަތް ނިންމާތާ އަހަރެއް ވުމުންނެވެ. ނަމަވެސް މަޖިލީހުގެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ނިމުނުތާ ހަ މަސްދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ވަނީ ރިޓެންޝަން ފައިސާ ދީފައެވެ.

މިކަން މިގޮތަށް ކުރުމުގެ ސަބަބުން ފެންވަރު ދަށްކޮށް ކޮށްފައިވާ މަސައްކަތްތައް އެ ކުންފުނި ލައްވައި އަލުން ކުރުވުމާއި އެފަދަ މަސައްކަތަށް ޒިންމާދާރު ކުރުވުމަކީ ދަތިކަމެއްކަމަށް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ވަނީ ބީލަމުގެ ޖުމްލަ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުނަމަ މަސައްކަތް ނިމޭތާ އަހަރެއް ވުމުން ނޫނީ ރިޓެންޝަން ފައިސާ އަނބުރާ ނުދިނުމަށް ލަފާދީފައެވެ.

މި ރިޕޯޓުގައި އޮޑިޓާ ޖެނެރަލް އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ކެޕިޓަލް ޚަރަދުގެ ގޮތުގައި ކުރަންޖެހޭ ބައެއް ޚަރަދުތައް ރިކަރަންޓް ބަޖެޓް ކޯޑުން ކޮށްފައިވުމާއި، ފާއިތުވި އަހަރުތަކުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން މިހާތަނަށްވެސް އިސްލާހުކޮށްފައިނުވާ މައްސަލަ ހިމެނެއެވެ.

comment ކޮމެންޓް