އަތުގައި ލިނެން ގަމީހެއް އެބައޮތް ތަ؟

ލިނެން އަކީ ހަށިގަނޑަށް ލުއި އަދި މޫސުމާ ގުޅޭ މެޓީރިއަލް އެއް

މޫސުމަށް ބަލައި ހެދުން އެޅުމަކީ ހެދުން އެޅުމުގައި ގެންގުޅެން ޖެހޭ ވަރަށް މުހިއްމު އާދައެކެވެ. ރާއްޖޭގެ ހޫނުގައި ބޮޑެތި ބޯ ޖެކެޓުތަކާއި ހުޑީތައް ލައިގެން އުޅޭ ނަމަ އެއީ އެހާ ބޯ ހަމަޖެހޭ ކަމެއް ނޫނެވެ. މޫސުމަށް ބަލައި ލިނެން ގަމީހެއް މިވަގުތު ގަންނަންވީ މި ސަބަބާ ހުރެއެވެ.

ލިނެން އަކީ ވަރަށް ވަރުގަދަ ފައިބާތައް ހިމެނޭ ހާއްސަ މެޓީރިއަލް އަކުން ތައްޔާރުކޮށްފައިވާ ފޮއްޗެކެވެ. މި މެޓީރިއަލް އަކީ ވަރަށް ލުއި އަދި "ނޭވާލެވޭ" ވަރު ތުނި މެޓީރިއަލް ފޮއްޗެކެވެ.

ހޫނު މޫސުމަކަށް ލިނެން މެޓީރިއަލްގެ ގަމީހެއް ރަނގަޅީ އެހެންވެއެވެ. މިއީ އާންމުކޮށް އިސްތިރި ނުކޮށް ލައި އުޅޭ ހެދުންތައް ހަދާ ފޮއްޗެކެވެ. އަދި ލުއިކޮށް ހުރުމުން މި މެޓީރިއަލްގެ ގަމީހެއް ލައިގެން އުޅެން ވަރަށް ފަސޭހަ ވާނެއެވެ. އަދި ހޫނު މޫސުމަށް މީގެ ގަމީހެއް ސްޓައިލް ކޮށްލަން ވަރަށް ފަސޭހަ ވާނެއެވެ.

ލިނެން އަކީ ހަށިގަނޑަށް ލުއި ފޮއްޗެކެވެ. އެހެންވީމާ ލިނެންގެ ގަމީސްތަކާއި ފަޓުލޫނަކީ ހަށިގަނޑަށް އަރާމު އެއްޗެކެވެ. އަދި ސްޓައިލް ކުރަން ބޭނުންވެ އެކަމަކު އެކަން ކުރަން ކަންނެއް މީހުންނަަށް މިއީ ހަމަ ރަނުގެ ފުރުސަތެކެވެ. ސަބަބަކީ ލިނެން އަކީ ކޮންމެ ގޮތަކަށް ވެސް ފަސޭހައިން ސްޓައިލް ކޮށްލެވޭނެ އެއްޗަކަށް ވާތީއެވެ.

ލިނެން ގަމީހާ އެކު އެންމެ ކްލެސިކް އެއް ލުކް އަކީ ޝޯޓެވެ. އެކަމު ކޮންމެ ކޮންމެ ޝޯޓެއް މި ލުކް އަކަށް ރީއްޗެއް ނުވާނެ އެވެ. މާ ބޮޑަށް ދޫ ނޫން ޝޯޓަކަށް އެ ވާން ޖެހޭނެ އެވެ. އަދި އެއީ ސޮލިޑް ކުލައެއްގެ އެއްޗަކަށް ވެފައި އެއީ ކަކުލުން މަތީގައި ހުންނަ ޝޯޓަކަށް ވީމާ މި ލުކް ފުރިހަމަ ވާނެއެވެ.

މީގެ އިތުރުން ފަޓުލޫނާ އެކު ލިނެން ލައިގެން ސެމީ ކެޝުއަލް ލުކް އެއް ފުރިހަމަ ކޮށްލެވޭނެއެވެ. އެއާއެކު އޮފީސް ނުރަސްމީ ބައްދަލުވުން ތަކަށް ވެސް މި ލުކް އާ އެކު ދެވޭނެއެވެ. ހަމަ ލުކް އަނެއްކާ ވެސް ބަދަލު ކޮށްލަން ބޭނުންވާ ނަމަ އަނެއްކާ ފަޓުލޫނުގެ ބަދަލުގައި ޖިންސްއެއް ގަންނާށެވެ. އެއާއެކު އަނެއްކާ ލުކް ވަރަށް ބޮޑަށް ކެޝުއަލް ކޮށްލެވެނޭއެވެ. މި ހިސާބުން މި ލުކް އާއެކު ހަވީރު ބޭރަށް ވެސް ގޮސްލަން ރަނގަޅު ވާނެއެވެ.

އެހެންވީމާ ލިނެން ގަމީހެއް ނުގަނެ ދޫކޮށްލެވޭ ވަރެއް ނޫނެވެ.

comment ކޮމެންޓް