އަމީނީމަގުގެ މަޝްރޫއާ ގުޅޭގޮތުން މޭޔަރުގެ ބޮޑު ކަންބޮޑުވުމެއް، ބިންމަތީގައި ކޭބަލް ޓްރޭ ހަދައިފިނަމަ ތޮއްޖެހޭނެ

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްލޭނިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް "ސަން"އާ ހިއްސާ ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ އަމީނީ މަގުގެ ދުވާރާ އެއްހަމައެއްގައި ކޭބަލް ޓްރޭ ހެދުމުން މަގުން ތިން ފޫޓަށް ވުރެ ބޮޑު ޖާގަ ގެއްލޭކަމަށެވެ.

"އެ މަގު ހަނިވުމަކީ އާންމުންނަށް ލިބޭނެ ވަރަށް ބޮޑު ދަތިކަމެއް. އަނެއްކާ މިނީ ބަސް އޮޕަރޭޓަރުންނަށް ވެސް މިކަމުގެ ދަތިތައް ކުރިމަތިވެގެން ދާނެ. އެހެންވީމަ މިއީ ވަރަށް ވިސްނަން ޖެހޭ ކަމެއް،" މޭޔަރު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ރޯޝަނީ މަގު ތަރައްގީކުރި އިރު މަގު ފުޅާކުރުމަށް ކޭބަލް ޓްރޭ ހަނިކުރިކަމަށް މޭޔަރު ވިދާޅުވިއެވެ. ނަމަވެސް އެ މަގުވެސް ކޭބަލް ޓްރޭގެ ސަބަބުން ހަނިވުމުން ދެން ހަދާ މަގެއްގައި ކޭބަލް ޓްރޭ މަގާ އެއް ހަމައެއްގައި ހެދުމަށް ކައުންސިލުން ނިންމާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ މަގާ އެއްހަމައެއްގައި ކޭބަލް ޓްރޭ ހަދާނަމަ، އުޅަނދުތަކަށް ކޭބަލް ޓްރޭގެ މަތިން ދުއްވޭފަދައިން ކޭބަލް ޓްރޭގެ މަތިގަނޑު ވަރުގަދަކުރަން ޖެހޭނެކަމަށެވެ.

"އެގޮތަށް ޑިޒައިންކޮށްފަ އިންނަ މަތިގަނޑެއް ލާފަ ކޭބަލް ޓްރޭ ހަދާގޮތައް [އަމީނީ މަގު] ޕްރޮޖެކްޓް އޮންނާނީ. އެހެން އޮއްވާ ޕްރޮޖެކްޓް މި އަތުލީ. އަތުލައިގެން ޕްރޮޖެކްޓް ފެށިއިރުގަ ނެތް އެ ބަދަލު އިންކޯޕަރޭޓް ކޮށްފައެއް،" އޭނާ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ 84 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެއްގައި ކޭބަލް ޓްރޭ ބިމު އަޑިއަށް ލައި، ކޭބަލް ޓްރޭގެ ސަބަބުން މަގުގެ ފުޅާމިން ނުގެއްލޭގޮތަށް މަގު ތަރައްގީކުރެވެންޖެހޭނެ ކަމަށެވެ.

"އަދި ލަހެއް ނޫން އެކަން ރަނގަޅުކުރާކަށް. އަދި އެ އުޅެނީ އިހަށްދުވަހު ފެއްޓި ހިސާބުގަ،" އޭނާ ވިދާޅުވިއެވެ.

އަމީނީ މަގު ތަރައްގީކުރާއިރު، އެމަގުގައި ހުންނަ ގަސްތައް ކަނޑާ މައްސަލައިގައި އާންމުންގެ ފާޑުކިއުން ވެސް އެ މަޝްރޫއަށް ވަނީ އަމާޒުވެފައެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ އޮގަސްޓް މަހުގެ ތިނެއްގައެވެ. އެގޮތުން ޕްލޭނިން މިނިސްޓްރީއާއި އާރުޑީސީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެއްގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 10 މަސް ތެރޭގައި ނިންމާގޮތަށެވެ.

comment ކޮމެންޓް