ރައީސްގެ ދެކަނބަލުން ބަހްރައިނަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބަޙްރައިންއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އެ ދަތުރުފުޅަކީ ބަހްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އެ ދަތުރުފުޅުގައި ރައީސް، ބަހްރައިންގެ ރަސްގެފާނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެއެވެ.

މީގެ އިތުރުން އެ ދަތުރުފުޅުގައި ރައީސާއި އަނބިކަނބަލުން ފަޒްނާ، ބަހްރައިން ސަރުކާރުގެ އެހެން ބައެއް އިއްޒަތްތެރިންނާވެސް ބައްދަލުކުރައްވާނެއެވެ. އަދި ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ދެ ގައުމުގެ ދެމެދު ބައެއް އެއްބަސްވުންތައް ބަދަލުކުރާނެއެވެ.

ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ބަހްރައިންގެ ރަސްގެފާނު ރަސްމީ ޖާފަތެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ ދެކަނބަލުންނާއި އެ ދަތުރުފުޅުފައި ބައިވެރިވެވަޑައިގަންނަވާ ސަރުކާރުގެ މަތީފަންތީގެ ވަފުދުގެ ބޭފުޅުން އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުގައެވެ.

މިދިޔަ މަހުގެ ތެރޭގައި އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާއަށް ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ވަޑައިގެންނެވިއެވެ. އެ ދަތުރުފުޅު ދެމިގެން ދިޔައީ މިދިޔަ މަހުގެ 16އިން 22އަށެވެ.

އެ ދަތުރުފުޅުގައި ރައީސް، ރާނީގެ ޖަނާޒާގެ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިނގިރޭސިވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިން ވަނައާ ބައްދަލުކުރެއްވިއެވެ.

އެއަށް ފަހު މިދިޔަ ހޯމަ ދުވަހު ރައީސް ހއ. ގެ ދެ ރަށަކަށާއި، ހދ. ގެ ދެ ރަށަކަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ވެސް ކުރެއްވިއެވެ.

އެ ދަތުރުފުޅުގައި ރައީސް، އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނު ޒިޔާރަތް ކުރެއްވި ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބައެއް އުމްރާނީ މަޝްރޫއުތައް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވިއެވެ.

comment ކޮމެންޓް