ރަސްގެފާނުގެ ދައުވަތަކަށް ރައީސް ބަހްރައިނަށް

ރައީސް އޮފީހުގައި އޮތް ބައްދަލުވުމެއްގައި ރައީސް ޞާލިޙު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާގެ ދައުވަތަކަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެގައުމަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ބަހްރައިންނަށް ވަޑައިގަންނަވާނީ މާދަމާ ކަމަށެވެ. އަދި އެނބުރި ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

މިދިޔަ މަހުގެ ތެރޭގައި އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާއަށް ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ވަޑައިގެންނެވިއެވެ. އެ ދަތުރު ދެމިގެން ދިޔައީ މިދިޔަ މަހުގެ 16އިން 22އަށެވެ.

އެ ދަތުރުގައި ރައީސް ރާނީގެ ޖަނާޒާގެ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިނގިރޭސިވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިން ވަނައާ ބައްދަލުކުރެއްވިއެވެ.

އެއަށް ފަހު މިދިޔަ ހޯމަ ދުވަހު ރައީސް ހއ. ގެ ދެ ރަށަކަށާއި، ހދ. ގެ ދެ ރަށަކަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ވެސް ކުރެއްވިއެވެ.

އެ ދަތުރުގައި ރައީސް، އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނު ޒިޔާރަތް ކުރެއްވި ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބައެއް އުމްރާނީ މަޝްރޫއުތައް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވިއެވެ.

comment ކޮމެންޓް