މުޙައްމަދު އިސްމާޢީލްގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންދަން ޕީޕީއެމުން ގޮވައިލައިފި

މުޙައްމަދު އިސްމާއިލް ހައްޔަރު ކޮށްގެން ގެންދަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ، ހަމަނުޖެހުން ހިންގި މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ ހަރަކާތު ކޮމެޓީގެ ޗެއާ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އަނބުރާ ގެންދަން ޕީޕީއެމުން ގޮވައިލައިފިއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން މުޙައްމަދު އިސްމާޢީލްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމުގެ ޢަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ، 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޕީޕީއެމުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ޔޯގާ ހަމަނުޖެހުމާ ގުޅުވައިގެން ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލާފައި ވަނީ، އިންޑިއާ ސަރުކާރުން އަންގާފައިވާ ގޮތަށް ބޭރު ދުނިޔެއަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ. އަދި އެ ދުވަހުގެ ހަމަނުޖެހުމަކީ ވަރަށް ބޮޑަށް ޕްލޭން ކޮށްގެން ސަރުކާރުން ކުރުވާފައިވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުމުގައި މުޙައްމަދު އިސްމާޢީލްގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލި ނަމަވެސް އޭނާ ގަލޮޅު ދަނޑަށް އެދުވަހު ވަދެފައިނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"ދައުވާ އުފުލި މީހުންގެ ތެރޭގައި މިކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ޗެއާ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ހިމެނިފައިވީނަމަ ވެސް މުޙައްމަދު އިސްމާޢީލް ގަލޮޅު ދަނޑަށް އެދުވަހު ވަދެފައެއް ވެސް ނުވެއެވެ. އަދި އޭނާއަކީ އެ ހަމަނުޖެހުން ހިނގި އިރު އެތާ ހުރި މީހެއްވެސް ނޫނެވެ. އެހެންކަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އެ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި އެ ނިންމުން އަނބުރާ ގެނައުމަށް ވެސް ގޮވާލަމެވެ،" ބަޔާނުގައިވެއެވެ.

ބައިނަލްއަޤުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން މުޅި ޖުމުލަ 18 މީހެއްގެ މައްޗަށް ވަނީ ޓެރެރިޒަމްގެ ދައުވާ އުފުލާފައެވެ.

ދައުލަތުން ދައުވާ އުފުލި އެ 18 މީހުންގެ ތެރޭގައި ޝެއިހު ފަޒްލޫން މުޙައްމަދާއި އާދަމް ނިޝާން ވެސް ހިމެނެއެވެ. މި ދެބޭފުޅުންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ޢަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާއެވެ. މި ކުށް ސާބިތުވާ މީހެއްގެ އަދަބަކީ ވެސް 10 އަހަރާއި 15 ދެމެދުގެ ޖަލު ހުކުމެވެ.

comment ކޮމެންޓް