އެއްފަހަރާ 455 މީހުން މޫދުއަޑީގައި ނޭވާ ހިފަހައްޓާލައިގެން ރާއްޖެ ރެކޯޑުފޮތަށް

އެއްފަހަރާ އެންމެގިނަ ބަޔަކު މޫދު އަޑީގައި ނޭވާ ހިފަހައްޓާލައިގެން ތިބުމުގެ ރެކޯޑް ހެދުމަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ވަރލްޑް ރެކޯޑުފޮތުން ޖާގަހޯދުމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމާ ގުޅުވާލައިގެން ކުރިއަށްގެންދިޔަ ފްރީ ޑައިވް މި ހަރަކާތުގައި 459 މީހަކު ވަނީ ބައިވެރިވެފައެވެ.

އެއްފަހަރާ އެންމެގިނަ ބަޔަކު މޫދު އަޑީގައި ނޭވާ ހިފަހައްޓާލައިގެން ތިބުމުގެ ރެކޯޑް ހެދުމަށް ރާއްޖޭގައި ބޭއްވި ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ

ފްރީޑައިވް މޯލްޑިވްސްއިން "ނޭވާ 2" ނަމުގައި މި ހަރަކާތް 12 ރިސޯޓެއްގައި ކުރިއަށްގެންދިޔައެވެ. މި ހަރަކާތުގައި ބައިވެރިވި 459 މީހުންގެ ތެރެއިން 455 މީހަކު ވަނީ އެއް މިނެޓާއި 30 ސިކުންތު ހަމަވަންދެން މޫދު އަޑީގައި ނޭވާ ހިފަހައްޓާލައިގެން ތިބެފައެވެ.

ކްރޮސް ރޯޑްގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެއްފަހަރާ އެންމެގިނަ ބަޔަކު މޫދު އަޑީގައި ނޭވާ ހިފަހައްޓާލައިގެން ތިބުމުގެ ރެކޯޑް ހެދުމަށް ރާއްޖޭގައި ބޭއްވި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައިވޭ --- ސަން ފޮޓޯ

ދުނިޔޭގެ ރެކޯޑުފޮތުން ޖާގައެއް ހޯދުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް "ސަން"އަށް ވިދާޅުވީ، ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ މަޤްބޫލު ޑައިވް މަންޒިލެއްކަމަށާއި، ޚާއްސަ ގޮތެއްގައި ފުޅި ނާޅައި ފީނުމުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުކަމަށެވެ.

"މިފަދަ ހަރަކާތްތަކަކީ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ވަރަށް މުހިއްމު ހަރަކާތްތަކެއް. މިފަދަ ހަރަކާތްތަކުގެ ސަބަބުން ދުނިޔެއަށް ރާއްޖެ އިސްތިހާރުވުމަށް އިތުރަށް ފުރުސަތު ލިބިގެންދާމެ،" ޑރ. މައުސޫމް ވިދާޅުވިއެވެ.

އެއްފަހަރާ އެންމެގިނަ ބަޔަކު މޫދު އަޑީގައި ނޭވާ ހިފަހައްޓާލައިގެން ތިބުމުގެ ރެކޯޑް ހެދުމަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ހަރަކާތް، ދުނިޔޭގެ ރެކޯޑުފޮތަށް އެރުވުމުގެ މަސައްކަތް ފްރީ ޑައިވްމޯލްޑިވްސްއިން މިހާރު ވަނީ ފަށާފައެވެ.

އެއްފަހަރާ އެންމެގިނަ ބަޔަކު މޫދު އަޑީގައި ނޭވާ ހިފަހައްޓާލައިގެން ތިބުމުގެ ރެކޯޑް ހެދުމަށް ރާއްޖޭގައި ބޭއްވި ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ

"ސަން"އާ ވާހަކަދައްކަމުން ނޭވަ 2 ހަރަކާތުގެ އިވެންޓް މެނޭޖަރު މުހައްމަދު ފާރިހް ބުނީ، މިއީ ދުނިޔޭގެ ވޯލްޑް ރެކޯޑް ފޮތުގައި އަދި މިހާތަނަށް ރެކޯޑުކުރެވިފައި ނެތް ހަރަކާތެއްކަމަށާއި މި ހަރަކާތައް ތައްޔާރުވުމަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ނެގިކަމަށެވެ. ހަރަކާތް ނިމިގެންދިޔައީ ތާވަލްކުރިގޮތަށް ވަރަށް ކާމިޔާބުކޮށްކަމަށް ވެސް އޭނާ ބުންޏެވެ.

"މި ހަރަކާތަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބތުގައި ކުރިއަށްގެންދާ ހަރަކާތުގެ ބައެއް. އަޅުގަނޑުމެން މިކަމުގައި މީހުން ބައިވެރިމި ކުރީ ރިސޯޓުތަކުން. ބާރަ ރިސޯޓަކުން ވަނީ މި އިވެންޓްގައި ބައިވެރިވެފައި،" ނޭވަ 2 ހަރަކާތުގެ އިވެންޓް މެނޭޖަރު މުހައްމަދު ފާރިހް ބުންޏެވެ.

ޑައިވް މޯލްޑިވްސްއިން ވަނީ މީގެ ކުރިންވެސް މިފަދަ ރެކޯޑެއް ހަދާފައެވެ. މީގެ ކުރިން ހެދި މިފަދަ ރެކޯޑަކީ 2019 ވަނަ އަހަރު އެއްފަހަރާ އެންމެ ގިނަ ބަޔަކު އެއްވެގެން ހެދި ޑައިވް ކުރުމުގެ ރެކޯޑެވެ. އެ ރެކޯޑު ހެދުމުގައި 521 މީހުން ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް