ޕަކިސްތާނު ރައްޔިތުންނަށް އެހީވުމަށް އައިއޯސީސީން އިލްތިމާސްކޮށްފި

އައިއޯސީސީގެ ރައީސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު -- ސަން ޕޮޓޯ/ ނާއިލް ހުސައިން

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ން ދިވެހިންނަށް އިލްތިމާސްކޮށްފިއެވެ.

ޕާކިސްތާނުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި ހާލަތާ ގުޅިގެން އައިއޯސީސީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އައިއޯސީސީގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިލެއްވީ، ޕާކިސްތާނުގެ ހާލަތު ބަދަލުކުރުމަށް މާދަމާ ޕާކިސްތާނުގެ އެމްބަސީއާއި މޯލްޑިވްސް ޕާކިސްތާނު ފްރެންޑްޝިޕް ޖަމިއްޔާއިން ބާއްވާ ޓެލެތޯންގައި ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަށެވެ.

"މި ވަގުތަކީ ރާއްޖެއާ ޕާކިސްތާނާ ދެމެދުގަ އޮތް ގުޅުން ރަމްޒުކޮށްދޭ ވަރުގެ މަސައްކަތެއް ދިވެހިން ކުރަން ޖެހޭ ވަގުތެއް،" ޑރ. ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިޞާދީ ހާލަތު މިވަގުތު އޮތްގޮތް އިހުސާސް ވާކަމަށެވެ. ނަމަވެސް ދިވެހިންނަކީ އިޚުލާސްތެރި، ހިތްހެޔޮ އަދި ޚުލްގު ހެޔޮ ބައެއްކަމުން އައިއޯސީސީގެ ފަރާތުން އެދެނީ ދިވެހިން ޕާކިސްތާނު ރައްޔިތުންނަށް އަޅާލާ އެހީތެރިވުމަށްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޕާކިސްތާނަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން 500އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ -- ފޮޓޯ/ އޭޕީ

އޭނާ ވިދާޅުވީ އިސްލާމީ އުންމަތަކީ އެއް އުންމަތެއްކަމަށެވެ. އިސްލާމީ އުންމަތުގެ މިސާލަކީ ހަށިގަނޑެއްގެ މިސާލު ކަމަށާއި އެހަށިގަނޑުގެ އެއްވެސް ގުނަނަކަށް ގެއްލުމެއް ވެއްޖެނަމަ އެ ހަށިގަނޑުގެ ހުރިހާ ގުނަންތައް އެ ގެއްލުމުގެ ހިތިކަން އިހުސާސްކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއާއި ޕާކިސްތާނާމެދު އޮންނަ ގުޅުމަކީ ވަރަށް ޒަމާންވީ އިސްލާމީ ގުޅުމެއްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ވަރަށް ގިނަ ދަރިވަރުން އެ ގައުމުން ތައުލީމު ހާސިލްކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަދި މިއަދުވެސް އިއްޔެވެސް އަދި މާދަމާ ވެސް މި ގައުމުގެ މުހިންމު މަގާމުތަކުގައި ޕާކިސްތާނުން ކިޔެވި ދަރިވަރުން ތިބޭނެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އައޯސީސީގެ ނައިބު ރައީސް އަލީ އަހުސަން ވިދާޅުވީ ޕާކިސްތާނުގެ ރައްޔިތުން އެގައުމުގައި އުޅޭ ދިވެހި ދަރިވަރުންނާމެދު ކަންތައް ކުރަނީ އަމިއްލަ ގައުމުގެ މީހުންނާ މެދު ކަންތައްކުރާ ފަދައިން އެއްވެސް ތަފާތުކުރުމެއްނެތިކަމަށެވެ.

ޕާކިސްތާނަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން 500އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ

އެހެންކަމުން މި ދަނޑިވަޅުގައި ކޮންމެ މީހަކު ވެސް އެމީހަކަށް ވެވުނު މިންވަރަކުން ޕާކިސްތާނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ގޮވާލެއްވިއެވެ.

"މާތްﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވަނީ ﷲގެ މަގުގައި ހޭދަކޮށްފި އެއްޗެއްގެ ބަދަލު ދެއްވާނެކަމަށް. އެއީ ގެއްލިގެން ދާ އެއްޗެއް ނޫން،" އަހުސަން ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި، މޫސުމީ ވިއްސާރައެއްގައި މީގެ ކުރިން އެގައުމުގައި ފެން ބޮޑުނުވާ މިންވަރަކަށް ވަނީ ފެންބޮޑުވެފައެވެ. އޭގެ ނޭދެވޭ އަސަރު ކުރި މީހުންގެ އަދަދު 33 މިލިއަނަށް އަރައި، މަރުވި މީހުންގެ އަދަދު ވަނީ 1،500އަށް ވުރެ އިތުރުވެފައެވެ.

ޕާކިސްތާން ސަރުކާރުން ލަފާ ކުރާ ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު 40 ބިލިއަން ޑޮލަރަށް އަރާނެއެވެ.

comment ކޮމެންޓް