ވީއައިއޭގެ އައު ރަންވޭ އަންނަމަހުގެ ހަވަނަ ދުވަހު ބޭނުންކުރަން ފަށަނީ

ވީއައިއޭގައި ތަރައްގީކުރި އައު ރަންވޭއަށް އެންމެ ފުރަތަމަ ޖެއްސި އޭ 380 މަރުކާގެ މަތިންދާ ބޯޓު --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ތަރައްގީކޮށްފައިވާ އައު ރަންވޭ އަންނަމަހުގެ ހަވަނަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

ވީއައިއޭގައި ތަރައްޤީކުރި ކޯޑް އެފްގެ އައު ރަންވޭގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި 2017 ވަނަ އަހަރުއެވެ. އެ މަސައްކަތް ނިންމައި ރަސްމީކޮށް ރަންވޭ ހުޅުވީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހުއެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލުން ބުނީ އަންނަ މަހުގެ ހަވަނަ ދުވަހު، އައު ރަންވޭ ބޭނުންކުރަން ފަށާއިރު، ހަމަ އެ ދުވަހު ސީ ޕްލޭން ޓާމިނަލް ވެސް ރަސްމީކޮށް ބޭނުންކުރަން ފަށާނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފެށި އެއާޕޯޓު ތަރައްގީކުރުމުގެ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން ތަރައްގީކުރި އައު ރަންވޭ، ހުޅުވުމާއިއެކު އެ ރަންވޭއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ދުނިޔޭގައި މިހާރު ދުއްވާ އެންމެ ބިޔަ މަތިންދާބޯޓު ތަކުގެ ތެރޭގައި ހިމެނޭ އޭ 380 މަރުކާގެ މަތިންދާބޯޓެކެވެ.

އައު ރަންވޭގައި ފުރަތަމަ ޖެއްސި އިއްތިހާދު އެއާވޭސްގެ އެ ބޯޓު ދުއްވާފައިވަނީ ދިވެހި ޕައިލެޓެކެވެ.

ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް އެންމެ ބޮޑެތި ފަސިންޖާ މަތިންދާބޯޓުތަކަށް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ މި ރަންވޭއަކީ 3،400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ.

comment ކޮމެންޓް