އަފްޣާނިސްތާނުގެ އަންހެން ދަރިވަރުންގެ ސާނަވީ ސްކޫލް ހުޅުވުމަށް ޠާލިބާންގެ އޮފިޝަލަކު ގޮވާލައިފި

އަފްޣާނިސްތާނުގެ އަންހެން ދަރިވަރުންނަށް ސާނަވީ ތައުލީމް ހާސިލުކުރެވޭނެހެން ސްކޫލްތައް ހުޅުވުމަށް އެ ގައުމުގެ ޠާލިބާން ސަރުކާރުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޝޭރް މުޙައްމަދު އައްބާސް ވަނީ ގޮވާލައްވާފަ -- ފޮޓޯ/ އޭޕީ

އަފްޣާނިސްތާނުގެ އަންހެން ދަރިވަރުންނަށް ސާނަވީ ތައުލީމް ހާސިލުކުރެވޭނެހެން ސްކޫލްތައް ހުޅުވުމަށް އެ ގައުމުގެ ޠާލިބާން ސަރުކާރުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޝޭރް މުޙައްމަދު އައްބާސް ގޮވާލައްވައިފިއެވެ.

މިދިޔަ އަހަރުގެ އޯގަސްޓު މަހުގައި ޠާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރު ހިންގުމާ ހަވާލުވެފައިވާއިރު، އަންހެން ދަރިވަރުންގެ ސާނަވީ މަދަރުސާތައް ބަންދުކުރުމަށް ޠާލިބާނުން ނިންމިއެވެ. އަދި ވަޒީފާގެ މާހައުލުގައި އުޅޭއިރު އަންހެނުން ބުރުގާ އެޅުމަށާއި، މަހްރަމަކާ ނުލައި އަންހެނުން ދުރު ދަތުރުތައް ނުކުރުމަށް ޠާލިބާނުން ވަނީ އަންގާފައެވެ.

ޠާލިބާން ސަރުކާރުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު މުހައްމަދު އައްބާސް ވިދާޅުވީ، އިސްލާމްދީނުގައި އަންހެނުން އުނގެނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ތައުލީމުގެ ފުރުސަތުތައް ފަހިވާން ޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ސަރުކާރާއި އާންމު ރައްޔިތުންނާ ދެމެދު މައްސަލަތައް ނުއުފެދޭނެހެން މަސައްކަތްކުރަން ޖެހޭކަމަށާއި، އަންހެން ދަރިވަރުންގެ ސާނަވީ މަދަރުސާ ހުޅުވުމަށް ޓެކްނިކަލް މައްސަލައެއް އުޅޭނަމަ، އެކަމެއް ހައްލުކޮށް ސްކޫލްތައް ހުޅުވަން ޖެހޭކަމަށް އައްބާސް ވިދާޅުވިއެވެ.

އޭނާ މިފަދައިން ވިދާޅުވެފައިވަނީ ޠާލިބާނުން މީގެ ދުވަސްކޮޅެއް ކުރިން އައު އެޑިއުކޭޝަން މިނިސްޓަރެއް އައްޔަންކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޠާލިބާނުން ބުނި ގޮތުގައި އަންހެން ދަރިވަރުންގެ ސާނަވީ މަދަރުސާތައް ހުޅުވުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ނަމަވެސް ސްކޫލްތައް ހުޅުވޭނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.

އދ.އިން ވަނީ ޠާލިބާނުންގެ ނިންމުންތަކާ ދެކޮޅު ހަދާފައެވެ. އަދި ބައިނަލްއަގުވާމީ އެއްވެސް ފަރާތަކުން ޠާލިބާން ސަރުކާރު ރަސްމީކޮށް ބަލައިގަތުމަށް އަދި ނިންމާފައެއް ނުވެއެވެ.

އދ.އިން ހާމަކޮށްފައިވާ ގޮތުގައި ޠާލިބާނުން ސާނަވީ މަދަރުސާތައް ބަންދުކުރުމުގެ ނަތީޖާއެއްގެ ގޮތުން މިލިއަނަކަށްވުރެ ގިނަ އަންހެން ދަރިވަރުން ވަނީ ކިޔެވުމުން މަހުރޫމުވެފައެވެ.

ޠާލިބާނުން ބުނާ ގޮތުގައި މިފަދަ ނިންމުމެއް ނިންމާފައި އޮތުމުގެ މައިގަނޑު ސަބަބަކީ އަންހެނުންގެ ގަދަރުވެރިކަން ދެމެހެއްޓުމެވެ.

މިދިޔަ އަހަރުގެ އޯގަސްޓުމަހުގައި ހުޅަނގުގެ ބާރުތަކުގެ މިލިޓަރީ އަފްޣާނިސްތާން ދޫކޮށް ދިއުމުގެ ސަބަބުން ޠާލިބާނުން ވަނީ އެ ގައުމުގެ ވެރިކަމާ ހަވާލުވެފައެވެ. މިވަގުތު އެ ގައުމުގައި ބަނޑުހައިހޫނުކަމުގެ ކާރިސާއެއް ކުރިމަތިވެފައި އޮތްއިރު، ހުޅަނގުން ވަނީ އަފްޣާނިސްތާނުގެ ސެންޓްރަލް ބޭންކްގެ އެސެޓުތަކުގެ ތެރެއިން 10 ބިލިއަން ޑޮލަރު ފްރީޒްކޮށްފައެވެ. މީގެ ސަބަބުން އަފްޣާނިސްތާނަށް ވަނީ އިންސާނީ ކާރިސާއަކާވެސް ކުރިމަތިވެފައެވެ.

comment ކޮމެންޓް