އިންޑިއާގެ ދަރިވަރެއްގެ ލިޔުމުގައި ކުށެއް އޮތުމުން ޓީޗަރަކު އެ ކުއްޖާ މަރާލައިފި

އިންޑިއާގައި ޓީޗަރަކު ދަރިވަރު މަރާލި މައްސަލައިގައި މީހުން މުޒާހަރާ ކުރަނީ -- ފޮޓޯ/ އޭޕީ

ލިޔުމުގައި ކުށެއް އޮތުމުގެ ސަބަބުން އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޓީޗަރަކު، އޭނަގެ 15 އަހަރުގެ ދަރިވަރަކު މަރާލައިފިއެވެ.

އިމްތިހާނެއްގައި "ސޯޝަލް" މި ލަފުޒު ނުބައިކޮށް ލިޔެވުމާ ގުޅިގެން އެ ޓީޗަރު ވަނީ އެ ދަރިވަރުގެ ބޮލުގައި ލަޓިބުރިއަކުން ޖަހާފައެވެ. އަދި އެ ދަރިވަރު ހޭނެތެންދެން އޭނައަށް އަނިޔާކުރިކަމަށް އެ ކުއްޖާގެ ބައްޕަ ވަނީ ބުނެފައެވެ.

"އެ ކުއްޖާ މަރާލުމަށްފަހު ޓީޗަރު މީހާ ވަނީ ފިލާފައި. ނަމަވެސް އޭނާ ހައްޔަރުކުރާނަން،" އުއްތަރު ޕްރަދޭޝްގެ ފުލުސް އޮފިސަރު މަހެންދްރަ ޕްރަތާމް ސިންގް ވިދާޅުވިއެވެ.

މަރާލާފައިވާ ކުއްޖާއަކީ އިންޑިއާގައި ޒަމާނުއްސުރެ ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި ދެކޭ ދަލިތު ކޮމިއުނިޓީއަށް ނިސްބަތްވާ ކުއްޖެކެވެ. އެ ކުއްޖާގެ މަރާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ވަނީ މަގުމައްޗަށް ނުކުމެ، މުޖުރިމު ހައްޔަރުކުރުމަށް ގޮވާލާ މުޒާހަރާކޮށްފައެވެ.

އެ ސަރަހައްދުގެ މީހުން ދެކޭގޮތުގައި އެ ކުއްޖާ މަރާލާފައިވަނީ އެ ކުއްޖާއަކީ ދަލިތު ކޮމިއުނިޓީއަށް ނިސްބަތްވާ ކުއްޖަކަށް ވާތީއެވެ. އެއީ ނަސްލަށް ބަލާފައި ކުރި އަނިޔާއެއް ކަމަށް އެ މީހުން ބުނެއެވެ.

އިންޑިއާގައި ކޮންމެ ގަޑިއިރަކު ފަސް މީހުންނާ ދެކޮޅަށް ނަސްލީ އިމްތިޔާޒުތަކާ ގުޅިގެން އެކި ޒާތުގެ އަނިޔާވެރިކަން ހިންގާއިރު، މިއީ އެ ގައުމުގައި އާންމު ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް