ކ. ގުރައިދޫގެ މަސްޖިދުލްއިޚާ މިސްކިތުގައި ދާއިމީ މުދިމެއް ނެތި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
'ސަން'އާ ވާހަކަ ދައްކަވަމުން ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވިދާޅުވީ މިދިޔަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހު އެ މިސްކިތުގެ މުދިމު ރިޓަޔާކުރެއްވި ކަމަށެވެ.
އޭގެ ފަހުން މިއަދާ ހަމައަށް ވެސް އިސްލާމިކް މިނިސްޓްރީން އެ މިސްކިތަށް ދާއިމީ މުދިމަކު ހަމަޖައްސާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓްރީން ފުރަތަމަކޮޅު މުދިމަކު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނި ނަމަވެސް ފަހުން ފޮނުވި ސިޓީތަކުގެ ޖަވާބުވެސް ނުލިބޭ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"މިހާރު ފޯނު ވެސް ނުނަގާ. ސިޓީއަށް ޖަވާބެއްވެސް ނުދޭ،" ޔާމީން ވިދާޅުވިއެވެ.
ގުރައިދޫގައި ދެ މިސްކިތް ހުރެއެވެ. ދާއިމީ މުދިމެއް ހަމަޖައްސާފައި ނުވަނީ އޭގެ ތެރެއިން އެއް މިސްކިތަކަށެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހް 'ސަން'އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެއްޗެއް ބުނަން ދަތި ކަމަށެވެ.