މިނިސްޓަރު ޝާހިދުގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަ ވެއްޖެ: ޗައިނާ

ދުވަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޗައިނާގެ ސްޓޭޓް ކައުންސިލަރު، ވަންގް ޔީ އާއި ބައްދަލުކުރައްވާފައި--- ފޮޓޯ/ ޗައިނާގެ ފޮރިން މިނިސްޓްރީ

މިނިސްޓަރު ޝާހިދު ކުރެއްވި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ގުޅުންތައް އިތުރުވެ، ޚާރިޖީގޮތުން އިތުރަށް ބާރުވެރި ވެގެން ގޮސްފައިވާ ކަމަށް ޗައިނާގެ ސްޓޭޓް ކައުންސިލަރު، ވަންގް ޔީ ވިދާޅުވެއްޖެއެވެ.

މި މަހުގެ 24 ވަނަ ދުވަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާ ވަންގް ޔީ ވަނީ މިނިސްޓަރު ޝާހިދު އދ އާންމު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ކުރެއްވި މަސައްކަތަށް ތައުރީފު ކުރައްވާ, އެ މަގާމު ކާމިޔާބު ކަމާއެކު އަދާ ކުރައްވާފައިވާތީ ތަހުނިޔާ ދަންނަވާފައެވެ.

ވަންގް ޔީ ވިދާޅުވީ މި އަހަރަކީ ޗައިނާ-ރާއްޖެ ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭ އަހަރު ކަމަށެވެ.

ފާއިތުވެދިޔަ ބައި ގަރުނުގެ ތެރޭގައި ޗައިނާއާއި ރާއްޖެއިން ވަނީ އެކުވެރިކަމާއި އަވައްޓެރިކަމުގެ ރޫހު ދަމަހައްޓައި، ހަމަހަމަ އުސޫލަކުން މުއާމަލާތްކޮށް، ތަރައްގީއަށް އެއްބާރުލުން ދީ، އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީ، ދަތި އުނދަގޫ ތަކުން އަރައިގަތުމަށް މަސައްކަތް ކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަންގް ޔީ ވިދާޅުވީ ޗައިނާއާއި ރާއްޖެއަކީ އެއްގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމުގެ ސަގާފަތެއް އޮންނަ ދެ ގައުމު ކަމަށާއި ޗައިނާއިން "ވަން ޗައިނާ" އުސޫލަށް ރާއްޖެއިން ތަބާވާމިންވަރު ބަލައިގަންނަ ކަމަށެވެ.

ދުވަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޗައިނާގެ ސްޓޭޓް ކައުންސިލަރު، ވަންގް ޔީ އާއި ބައްދަލުކުރައްވާފައި--- ފޮޓޯ/ ޗައިނާގެ ފޮރިން މިނިސްޓްރީ

އެ ބައްދަލު ކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ އުމްރާނީ ތަރައްގީއާއި ތައުލީމާއި ހަކަތައިގެ ދާއިރާ ފަދަ ތަފާތު ދާއިރާތަކުން ޗައިނާއިން ޒަމާނުއްސުރެ ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އަގުހުރި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޗައިނާގެ އެހީގައި ބިނާކުރި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ސަބަބުން ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އައިސް، ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ މަސައްކަތް ވަރަށް ބޮޑަށް ހަލުވިވެ، ދިވެހި ރައްޔިތުންނަށް އޭގެ ފައިދާ ވަރަށް ބޮޑަށް ކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ "ވަން ޗައިނާ" އުސޫލަކީ ދިވެހި ސަރުކާރުން އަބަދުވެސް ގަބޫލުކުރާ އަދި ސާބިތުކަމާއެކު ދަމަހައްޓާނެ ސިޔާސަތެއް ކަމަށެވެ.

"ވަން-ޗައިނާ އުސޫލަކީވެސް އދގެ އާންމު މަޖިލީހުގެ ގަރާރުން ކަށަވަރުކޮށްދީފައިވާ ބައިނަލްއަގްވާމީ އިއްތިހާދެއް. އަޅުގަނޑުގެ ޕޮޒިޝަން ސާފުކޮށްދިނުމަށް ޓަކައި އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ވާނީ ބަޔާނެއް ނެރެފަ."

މިނިސްޓަރު ޝާހިދު ވަނީ އދ ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ހުންނެވިިއިރު ޗައިނާއިން ދިން ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، މަލްޓިލޭޓަރަލް ކަންކަމާ ގުޅޭ ގޮތުން ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

ޗައިނާގެ ނިންމުތަކަށް ރާއްޖޭން ދޭ އެއްބާރުލުން ފާހަގަކޮށް އެގައުމުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި ގައުމީ ކަރާމާތް ރައްކާތެރިކުރުމުގައި އެއްބާރުލުން ދޭނެ ކަމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް އިންސާފު ހޯދައިދިނުމުގައި ދެމި އޮންނާނެ ކަމަށް ޗައިނާއިން ބުނެއެވެ.

comment ކޮމެންޓް