މި ސަރުކާރު އައި ފަހުން ހދ. އަތޮޅުގެ ތަރައްގީއަށް ޖުމުލަ ނުވަސަތޭކަ ހަތްދިހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހާރު ރާއްޖޭގެ އުތުރަށް ކުރައްވާ ރަސްމީދަތުރުފުޅުގައި މިއަދު ހދ. ނައިވާދޫއަށް ވަނީ ވަޑައިގެންފިއެވެ.
އެރަށުގެ ފެނުގެ ނިޒާމު ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހަމައެކަނި ހދ. އަތޮޅުގައި 400 އަށްވުރެން ގިނަ މަޝްރޫއަށް ނުވަސަތޭކަ ހަތްދިހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ.
އެގޮތުން މި ސަރުކާރަކީ ހުރިހާ ރައްޔިތުންނަށް ވެސް ޚިދުމަތްތައް ލިބިދޭންޖެހޭނެކަން ދަންނަ ސަރުކާރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ އާބާދީއަށް ބަލައިގެން ތަރައްގީ ގެނެސްދޭ ސަރުކާރެެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނެތި ޚިދުމަތްތައް ދިނުމަށް. މަސައްކަތް ކުރަމުން ދަނީ ވެސް އެގޮތުގެ މަތިން،" ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙު މިއަދު ނައިވާދޫގައި ފެނުގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފައިވާއިރު އެމަނިކުފާނު ވަނީ ވަރަށް އަވަހަށް މި ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވަނީ ނައިވާދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ވެސް ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކޮށްލެއްވުމުގައި ނައިވާދޫ ކައުންސިލުން ވަނީ އެރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކޮށް ރައީސަށް ޝުކުރު އަދާކޮށްފައެވެ.
ހަމައެއާއެކު ފާއިތުވި 13 އަހަރުގެ ތެރޭގައި ނައިވާދޫއަށް ރައީސް ނޫން އެހެން އެއްވެސް ރައީސެއް ވަޑައިގެންފައި ނުވާކަން އެ ރަށު ކައުންސިލުން ފާހަގަކުރިއެވެ. އަދި ނައިވާދޫގައި ފެށި މިހާރު ހިނގަމުންދާ މަޝްރޫޢުތައް މިހާރަށް ވުރެވެސް ހަލުވި ކުރަން ރައްޔިތުން ބޭނުންވާކަމަށް ކައުންސިލުން ބުންޏެވެ.
އެގޮތުން ކައުންސިލް އިދާރާގެ އިމާރާތް ބާވެ ޖާގަދަތިވުމާއި ނަރުދަމާގެ ނިޒާމާއި ސްކޫލުގެ ހޯލު އިމާރާތުގެ މަސައްކަތް އަވަސް ކުރުމާއި ރަށްގިރުމުގެ މައްސަލައިގެ އިތުރުން ޒުވާނުނަށް ކުޅިވަރުކުޅުމަށް އެކަށީގެންވާ ވަޞީލަތްތައް ޤާއިމްކޮށްދިނުމަށް އެދުނެވެ.
އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކައުންސިލް އިދާރާތައް އިމާރާތް ކުރުމުގެ މަސައްކަތް ރާއްވަވައި ހިންގަވަމުން ގެންދަވަނީ، އެލްޖީއޭގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި ކުރިޔަށް އޮތް އަހަރުގެ ތެރޭގައި އިމާރާތް ކުރުމަށް އިސްކަންދެވޭ ކައުންސިލް އިދާރާތަކުގެ ލިސްޓުގައި މިރަށް ހިމަނައިގެން އާ އިމާރާތެއް ބިނާކުރެއްވުމުގެ މަސައްކަތް ފެށުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިހާރު އުތުރުގެ ހަތަރު ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ސަރުކާރުން މިހާރު އެ ރަށްރަށުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ބައްލަވައިލެއްވުމަށާއި ނިމިފައިވާ ކަންކަން އިފްތިތާހުކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މީގެ އިތުރުން ރައީސްގެ އެ ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރައްވާނެއެވެ.