މަސް ނުކިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް މި ސަރުކާރުން ހޯދައިދޭނެ ގޮތް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ހާމަކުރައްވައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ މެމްބަރު ޙުސައިން ފިރުޝާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތަރު ވަނަ ޖަލްސާގައި މަސް ފެކްޓްރީތަކުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި މަސް ފިނި ކުރުމަށް ދާއިމީ ހައްލެއް ގެންގުޅުއްވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އެ ދާއިމީ ހައްލަކީ ކޮބައިތޯ މެމްބަރު ވަނީ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.
މެމްބަރުގެ ސުވާލަށް ޖަވާާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން އާދަޔަ ޚިލާފަށް ރަނގަޅުވާ ދުވަސްވަރު، މަސްކިރުމުގައި މިހާރު ދިމާވަމުންދާ މައްސަލަތައް ހައްލު ކުރުމަށްޓަކައި ޝޯޓް ޓާމް އަދި ލޯންގް ޓާމް ކުރެވިދާނެ ކަންތައްތަކެއް އެބަހުރި ކަމަށް އެ ދުވަހު ވިދާޅުވި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަސް ނުގަނެވުމުގެ މައްސަލަ ދިމާވަމުން ދަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރުން ފެށިގެން އޭޕްރީލްގެ ނިޔަލަށް ހިނގާ ހަތް މަސް ދުވަހުގެ މުއްދަތުގައި އަންނަ އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅުވާ ދުވަސްވަރެއްގައި އެކަނި ކަމަށެވެ. އަހަރުގެ އަނެއް ފަސް މަސް ދުވަހު މަސް ނުކިރުމުގެ މައްސަލަ އާންމު ކޮށް ދިމާ ނުވާ ކަމަށް ވެސް މިިނިސްޓަރު ވިދާޅުވިއެވެ.
މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވާ ދުވަސްވަރު މަސްވެރިން ބާނާ ހުރިހާ މަހެއް ނުގަނެވެނީ އެ ހުރިހާ މަހެއް ގަތުމަށް ބޭނުންވާ މިންވަރަށް މަސް ގަންނަ ފެސިލިޓީ ގާއިމް ކުރެވިފައި ނެތުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މައްސަލަ ދިމާވަނީ އެ މިންވަރަށް ޝޯ ބޭސްޑް އިންވެސްޓްމަންޓް މިހާތަނަށް ކޮށްފައި ނުވާތީ އާއި މަސް ގަންނަން ބޯޓު ފަހަރު އެ މިންވަރަށް ހޯދާފައި ނުވާތީ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މަސް ނުގަނެވުމަކީ ރާއްޖޭގައި އަލަށް ދިމާވާ ކަމެއް ނޫން ކަމަށެވެ. މަސްވެރިކަން ރަނގަޅުވެ، މަސް ގަންނަ ކުންފުނިތަކަށް މަސް ގަނެވޭ ވަރަށް ވުރެ ގިނައިން މަސް ބާނާ، އައިސް ނުލިބި، މަސް ވިއްކުމަށް ގިނަ ވަގުތު ހޭދަވަމުން ދާާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަތީޖާއެއްގެ ގޮތުން ކުނިވެފައިވާ މަސް ގަނެ، އުކާލަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ތާރީޚު އެކަމަށް ހެކިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލަ ހައްލުކުރުމަށް އެއްވެސް ސަރުކާރަކުން އެކަށީގެންވާ އިންވެސްޓްމަންޓެއް ކޮށްފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެ މައްސަލައަކީ އޮތް މައްސަލައެއް ކަމަށާއި އެ މައްސަލަ ހައްލުކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އަމަލީ ގޮތުން މަސައްކަތް ކުރާ ފުރަތަމަ ސަރުކާރަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ޕްލޭން ތަންފީޒު ވުމުން އެ މައްސަލަ ހައްލު ވާނެ ކަމަށް ވިދާޅުވިއެވެ.
"ސައުދީ ޑިވެލޮޕްމަންޓް ފަންޑުގެ ދަށުން ކޫއްޑޫގައި އިތުރު ހަތަރު ހާސް ޓަނު، ގދ. ތިނަދޫގައި އެއް ހާސް ޓަނު، މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމް ކުރުމުން، އިންޑިއަން އެގްޒިމް ބޭންކުގެ އެހީގައި ފެލިވަރުގައި އިތުރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ހަތަރު ހާސް ޓަނުގެ ކޯލްޑް ސްޓޯރޭޖާއި ދުވާލަކު 100 ކޭނަރީ ގާއިމް ކުރެވުމުން މަސް ނުގަނެވުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނެ." މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އެ ޕްރޮޖެކްޓް ނިމޭނެ ވަކި ދުވަހެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.
މަސްވެރިން ބާނާ މަސް ނުކިރުމާއި މަސް ގަންނަ މިންވަރު ކޮންޓްރޯލް ކުރުމާއި މަހަށް ހަމަ އަގު ނުލިބި ބަހާލަން ޖެހޭތީ މިހާރުން މިހާރަށް އެކަން ހައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ މިއަދު ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ދެކުނަށާއި އުތުރަށް ވެސް މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން ކޫއްޑޫއާއި މާންދޫއަށް ބާރުބޮޑުވެ، މާންދޫގައި މަސްކިރާ މިންވަރު ވެސް މިހާރު ވަނީ ލިމިޓުކޮށްފައެވެ.
ބައެއް ދޯނިތަކުން މަސް ނުކިރިގެން އެތައް ޓަނެއްގެ މަސް ކަނޑަން ވެސް އަޅަން ޖެހުނެވެ.
ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، ކޫއްޑޫއަށް މަސް ކިރުން މިދިޔަ އޭޕްރީލް މަހުގެތެރޭގައި ވެސް ދަތިވިއެވެ. އޭގެ ފަހުން، ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ މިފްކޯއަށް މަސް ކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު ބޯޓެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.