ފެން ހުސްވުމުން އެހެން ރަށްރަށުން ބޯފެން ގެނައުން ނިމުމަކަށް، ނައިވައިދޫއަށް އުފާވެރިކަން

ހދ. ނާވައިދޫގައި ފެނުގެ ނިޒާމު ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ޒަމާނުންސުރެ ހދ. ނައިވައިދޫ ރައްޔިތުން ބޯފެން ހޯދުމަށް ކުރަން ޖެހުނު ބުރަ މަސައްކަތް ނިމުމަކަށް ގެނެސް، އެ ރަށުގައި ފެނުގެ ނިޒާމު މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އެ ނިޒާމު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު މިހާރު އުތުރުގެ ހަތަރު ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ނައިވައިދޫއަށް މިއަދު ވަޑައިގެން، އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ފެނުގެ ނިޒާމު ރަސްމީކޮށް ފައްޓަވައިދެއްވުމަށް ރައީސްގެ އަރިިހުގައި ބައިވެރިވެވަޑައިގެންނެވީ ޕްލޭނިން މިނިސްޓަރު މުޙައްމަަދު އަސްލަމާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މުހައްމަދެވެ.

ނައިވައިދޫގައި ފެނުގެ ނިޒާމު މިއަދު ރަސްމީކޮށް ފަށައިފައިވާއިރު އެ ރަށުން "ސަން"އާ ވާހަކަދެއްކި މީހުން ބުނީ އެ ރަށުގައި ފެނުގެ ނިޒާމު ގާއިމުވުމަކީ ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި މިއީ ޒަމާނުންސުރެ ބޯފެން ހޯދުމަށް ކުރަން ޖެހުނު ބުރަ މަސައްކަތް ނިމުމަކަށް އަންނާނެ ކަމެއްކަމަށް އޭނާ ބުންޏެވެ.

ރައީސް ނައިވާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

"އަބަދުވެސް އަޅުގަނޑުމެން އުޅުނީ ވަރަށް އުނދަގުލުގައި ފެން ހޯދަން. ބައެއް ފަހަރު ފެން ހުސްވެގެން ކައިރީގައި ހުންނަ ރަށްރަށުން ވެސް ފެން ހޯދަން ޖެހޭ. ހަނދާން ހުންނަން ފެށީންސުރެ ވެސް ފެނުގެ ދަތިކަމަކީ އޮންނަކަމެއް. އެކަން މިއަދު ނިމުމަކަށް އައީމަ ވަރަށް އުފާވޭ،" ނައިވައިދޫން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނައިވައިދޫ ރައްޔިތުން ސިފަކުރާ ގޮތުގައި ރައީސް ޞާލިޙުގެ ސަރުކާރުން މި ރަށް ފަދަ ކުޑަ އާބާދީއެއް އޮންނަ ރަށްތަކަށް ވެސް ކަމޭހިތައެވެ.

ނައިވައިދޫ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ސޮއިކުރި މަޝްރޫއެކެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެ މަޝްރޫއުގެ ތެރެއިން 5.4 ކިލޯ މީޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް އެޅުމާއި ދުވާލަކު 40 ޓަނުގެ ފެން އުފައްދާ ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށް 185 ޓަނުގެ ދެ ތާންގީ އަދި ވާރޭ ފެން ރައްކާ ކުރުމަށް 150 ޓަނުގެ ތާންގީއެއް ބެހެއްޓުމުގެ އިތުރުން 174 ގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ.

ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް އެއްކޮށް ނިންމާލައިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ.

އެ މަޝްރޫއަށް 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވިއެވެ.

ހދ. ނާވައިދޫގައި ފެނުގެ ނިޒާމު ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރައީސް މިހާރު އުތުރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ހދ. ފިނޭއަށެވެ. އެމަނިކުފާނު މިހާރު އުތުރުގެ ހަތަރު ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ސަރުކާރުން މިހާރު އެ ރަށްރަށުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ބައްލަވައިލެއްވުމަށާއި ނިމިފައިވާ ކަންކަން އިފްތިތާހުކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މީގެ އިތުރުން ރައީސްގެ އެދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރައްވާނެއެވެ.

comment ކޮމެންޓް