އިޒްރޭލުން ޔޫކްރެއިނަށް ހަތިޔާރު ނުދިނުމުން ޒެލެންސްކީއަށް ލިބުނީ ޝޮކެއް!

ޔޫކްރޭނުގެ ރައީސް ވްލަޑްމީރު ޒެލެންސްކީ: ޔޫކްރެއިނުން އެދުނު ކަންތައްތައް އިޒްރޭލުން ނުދިނުމުން ހައިރާންވާ ކަމަށް އޭނާ ވިދާޅުވި

ރަޝިއާ އިން ކުރަމުންދާ ހަނގުރާމައިގައި އެ ގައުމުން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އިޒްރޭލުން ދިފާއީ އެހީތެރިކަން ނުދިނުމުން ހައިރާންވެއްޖެކަމަށް ޔޫކްރޭނުގެ ރައީސް ވްލަޑްމީރު ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ބުދަ ދުވަހު ފްރާންސްގެ ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

ފަލަސްޠީނުގެ ޣައްޒާއިން އިޒްރޭލަށް ދެމުންގެންދާކަމަށް ބުނާ ރޮކެޓު ހަމަލާތަކުން ދިފާއުވުމަށް އިޒްރޭލުން ބޭނުންކުރާ އެންޓި މިސައިލް ސިސްޓަމް ޔޫކްރެއިނަށް ދިނުމަށް ޒެލެންސްކީ ވަނީ މީގެ ކުރިންވެސް އިޒްރޭލުގެ ސަރުކާރުގައި އެދިފައެވެ.

އިޒްރޭލުގެ އަޔަން ޑޯމް ސިސްޓަމްފަދަ އެންޓި މިސައިލް ނިޒާމެއް ޔޫކްރެއިނަށް ބޭނުންވާކަމަށް މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޔޫކްރެއިނުން އަންނަނީ ބުނަމުންނެވެ.

ޒެލެންސީ ވިދާޅުވި ގޮތުގައި އިޒްރޭލުން މިފަދަ މިލިޓަރީ އެހީތެރިކަމެއް ޔޫކްރޭނަށް ނުދިނުމުން އޭނާ ހުންނެވީ ބޮޑު ޝޮކެއްގައެވެ.

"އަހަރެން މިހިރީ ބޮޑު ޝޮކެއްގައި. އަހަރެންނަކަށް ނުވިސްނޭ އިޒްރޭލުން އަހަރެމެންނަށް އެއާ ޑިފެންސް ސިސްޓަމެއް ނުދޭންވި ސަބަބެއް،"

އިޒްރޭލުން މިކަމާ ގުޅިގެން ސީދާ އެއްޗެއް ބުނެފައި ނުވާއިރު، ރަޝިއާގެ އަމަލުތައް އިޒްރޭލުން ވަނީ ކުށްވެރިކޮށްފައެވެ.

ސީރިއާއަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި ރަޝިއާއިން އިޒްރޭލަށް އެހީތެރިކަން ފޯރުކޮށްދެއެވެ.

އިޒްރޭލުން ވަނީ ޔޫކްރޭނަށް އިންސާނީ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ. ނަމަވެސް ރަޝިއާއާ ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި އިޒްރޭލުން ބައިވެރިއެއް ނުވެއެވެ.

މިކަމާ ގުޅިގެން ޒެލެންސްކީ ވިދާޅުވީ، އޭނައަށްވެސް ސީރިއާ-ރަޝިއާ މައްސަލަތަކުގައި އިޒްރޭލުގެ ސްޓޭންޑް އެނގޭކަމަށާއި ނަމަވެސް އިޒްރޭލުގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުން ޔޫކްރޭނަށް އެއްވެސް ފާއިދާއެއް ނުވާކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ލަޕިޑް ވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައަށް ޑިޕްލޮމެޓިކް ހައްލެއް ގެނައުމަށް ގޮވާލައްވާފައެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރަޝިއާ-ޔޫކްރޭން މައްސަލަ ހޫނުވެ، ހަނގުރާމައަކަށް ބަދަލުވެފައިވާއިރު، ޕޫޓިން އަންނަނީ ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެކަމުގެ ސިގްނަލެއް ދެމުންނެވެ.

ރަޝިއާ-ޔޫކްރޭން ހަނގުރާމަ ފެށުނީ ޔޫކްރޭނުން ނޭޓޯއާ ގުޅުމަށް ނިންމުމާ ގުޅިގެންނެވެ. ރަޝިއާއާ ދެކޮޅު ނޭޓޯއާ އަވަށްޓެރި ޔޫކްރޭން ގުޅުމަކީ ރަޝިއާގެ ސަލާމަތަށް ނުރައްކަލެއްގެ ގޮތުގައި ރަޝިއާގެ ރައީސް ޕޫޓިން ވަނީ ސިފަކުރައްވާފައެވެ.

comment ކޮމެންޓް