އިންތިހާބު އަންނަން ވާއިރަށް ހަނިމާދޫ އެއާޕޯޓު ތަރައްގީވާތަން ފެންނާނެ: ފައްޔާޒް

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު އަންނަންވާއިރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ވަމުން އަންނަތަން ފެންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެ އެއާޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ސަރުކާރު ބަދަލުވުމާއެކު، ކުރީ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫއުތައް މަޑުޖެހޭތަން ފެންނަ ކަމަށާއި، ނަމަވެސް، ހަނިމާދޫ އެއާޕޯޓަށް އެހެން ވިޔަކަ ނުދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިއަށް މި އެއާޕޯޓުގެ މަސައްކަތް ރައްޔިތުންނަށް ފެނި، ޔަގީންވާނެ ހިސާބަކަށް ގެންދިއުން" ފައްޔާޒް ވިދާޅުވިއެެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން: ޖޭއެމްސީ ޕްރޮޖެކްޓްސްގެ ނާއިބު ރައީސް ކޭއެސް ރެޑީ (ކ)
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޒްވީ (ވ)--- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

މީގެ އިތުރުން އޭނާ ވަނީ އެ މަޝްރޫއު ލަސްވެފައިވާތީ އަންނަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވާފައެވެ. އެގޮތުން ފައްޔާޒް ވިދާޅުވީ މިފަދަ މަޝްރޫއެއް ހިންގުމަށް ބޭނުންވާ ފައިނޭންސިން ހޯދުމަށާއި، އެހެނިހެން ކަންކަން ނިންމުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން އެތައް މަރުހަލާއެއް އެބަ ކަޑައްތުކުރަން ޖެހޭ މި ހިސާބަށް އަންނަން ވެސް. އެހެންވީމަ ލަސްވީ" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީވެ، މަސްވެރިކަމާއި، އިތުރު އިގްތިސާދީ ހަރަކާތްތައް ވެސް ތަރައްގީވާނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވީ މި މަޝްރޫއަކީ ރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ ރަމްޒެއް ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިނުން ފަންޑުކޮށްގެން ހިންގާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 137 މިލިއަން އެމެރިކާ ޑޮލަރެވެ. މި މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގައި 2.46 ކިލޯމީޓަރުގެ ރަންވޭއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރާ މި އެއާޕޯޓުން އެއާބަސްގޭ އޭ320 އަދި ބޮއިންގް 737 މޮޑެލްގެ މަތިންދާ ބޯޓުތަކަށް ޚިދުމަތް ދެވޭނެއެވެ.

comment ކޮމެންޓް