ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިިރިހެން އެތިލީޓުގެ މަގާމު ހަސަން ސާއިދު ހޯދިއިރު އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު އާމިނަތު ޖާއިޝާ ޖުނީޒު ހޯދައިފިއެވެ.
ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ކުރިއަށްގެންދިޔަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ސާއިދު ހޯދީ ފަސް ރަން މެޑަލް ހޯދައިގެންނެވެ.
ސާއިދު ވަނީ 100 މީޓަރު، 200 މީޓަރު، 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ. އަދި ސިފައިންގެ ކުލަބުގެ ޓީމުގައި ހިމެނި 4 ގުނަ 100 މީޓަރު އަދި 4 ގުނަ 400 މީޓަރު ދުވުމުން ވެސް ރަން މެޑަލް އޭނާ ވަނީ ހޯދައިފައެވެ.
ސާއިދަކީ މިދިޔަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގެ ވެސް ފިރިހެން އެންމެ މޮޅު އެތުލީޓެވެ.
މިއަހަރު އަންހެން އެންމެ މޮޅު އެތުލީޓުގެ ހޯދިި ޖާއިޝާ ހޯދައިފައިވަނީ ތިން ރަން މެޑަލްއާއި އެއް ރިހި މެޑަލް ހޯދައިފައެވެ.
ޖާއިޝާ ރަން މެޑަލް ހޯދީ 800 މީޓަރު، 1500 މީޓަރު އަދި 5000 މީޓަރު ދުވުމުންނެވެ. ހޯދިއިރު ޓްރެކް އެންޑް ފީލްޑް ޓީމުގައި ހިމެނިގެން ހަތަރު ގުނަ 400 މީޓަރު ދުވުމުން ރިހި މެޑަލް އޭނާ ވަނީ ހޯދައިފައެވެ.
ޖައިޝާ 5000 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައިވަނީ އެ ދުވުމުގެ ގައުމީ ރެކޯޑު މުގުރާލުމަށްފަހުގައެވެ. އެ ރޭސް ޖާއިޝާ ނިންމާފައިވަނީ 19 މިނެޓާއި 43.09 ސިކުންތުންނެވެ.
މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ އައިޝަތު ހިމްނާ ހަސަންއެވެ. ސްކޮލަޝިޕެއްގައި ޓްރެއިނިން ހެދުމަށް ޖެމައިކާއަށް ދާން ވިސާ ހެއްދުމަށް ސްރީލަންކާއަށް ފުރަން ޖެހުމުން ހިމްނާއަށް މިއަހަރުގެ ސްޕްރިންޓް އިވެންޓްތަކުގައި ވާދަނުކުރެވުނެވެ.