ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއް، ލޯންޗު ދިޔައީ ޑިންގީން ވެއްޓުނު މީހާގެ ގައިމަތިން

މިރޭ އެކްސިޑެންޓްވި ލޯންޗް --

ހުޅުމާލޭ ފަޅުތެރޭގައި ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބަޔަކު ޒަހަމް ވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެއަށް ވަންނަ ނެރާ ދިމާ ފަޅު ތެރޭގައި ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު 19:55 ހާކަންހާއިރު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ޑިންގީގައި ތިބި ހަތަރު މީހަކަށް އަނިޔާވެ، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނަކާއި އަންހެނަކުކަން ފުލުހުން ފާހަގަކުރިއެވެ.

އަނިޔާވި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އިރު އަނެއް ދެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ބެހޭ ގޮތުން އެމްއެންޑީއެފްއިން ބުނީ، ހުޅުމާލޭ ނެރުމަތީ ޑިންގީއަކާއި ލޯންޗެއް މަޑުކޮށްގެން އޮތްތަން ކޯސްޓްގާޑުގެ ބޯޓަކަށް ފެނި، އެ ދެ އުޅަނދުގައި ތިބި މީހުންނާ ސުވާލުކުރި ކަމަށެވެ. އަދި ލޯންޗާއި ޑިންގީ އެކްސިޑެންޓުވެ، ޑިންގީން މީހަކު ވެއްޓުނު ކަމާއި ލޯންޗު ދިޔައީ އެ މީހާގެ ގައިމަތިން ކަމަށް އެމީހުން ބުނި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ޑައިވަރަކު ފީނައިގެން އެ މީހާ ސަލާމަތްކުރީ ކަމަށް ސިފައިން ބުންޏެވެ. އަދި އެ މީހާ ފުރަތަމަ އެމްއެންޑީއެފްގެ ކަލާސީނުކޮށްޓަށް ގެންދިޔުމަށް ފަހު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް