އެންމެ ފަހުގެ އައިފޯން ދިރާގުން ދޫކުރަން ފަށައިފި

އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް ޕްރީއޯޑާ ކޮށްފައިވާ ދިރާގު ކަސްޓަމަރުންނަށް ފޯނު ހަވާލުކުރަނީ-- ފޮޓޯ/ ދިރާގު

އަލަށް ތައާރަފުކުރި އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް ޕްރީއޯޑާ ކޮށްފައިވާ ދިރާގު ކަސްޓަމަރުންނަށް މިއަދު ފޯނު ހަވާލުކުރަން ފަށައިފިއެވެ.

އެންމެ ފަހުގެ އައިފޯނަށް ޕްރީއޯޑަރު ކުރުމަށް ދިރާގުން މިދިޔަ ހުކުރު ދުވަހު ހުޅުވާލުމާއެކު ކުޑަ ހިނދުކޮޅެއްގައި ތެރޭގައި ސްޓޮކް ހުސްވެފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. ދިރާގުން ބުނީ އާ ސްޓޮކް ލިބުމުން އަލަށް ތައާރަފުކުރި އައިފޯން ދިރާގުން ގަތުމުގެ ފުރުޞަތު އަނެއްކާވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ޒަމާނީ އާ ފީޗާސް ތަކަކާއިއެކު ނެރެފައިވާ އައިފޯން މޮޑެލްތައް ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާއިއެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓް ޕްލޭނެއްގެ ދަށުން ގަނެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މި އާ އައިފޯން ދިރާގު މެދުވެރިކޮށް ގަންނަ ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް، މަހަކު ފަސް ޖީބީގެ ހިލޭ ބޯނަސް ޑޭޓާވެސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް ޕްރީއޯޑާ ކޮށްފައިވާ ދިރާގު ކަސްޓަމަރުންނަށް ފޯނު ހަވާލުކުރަނީ-- ފޮޓޯ/ ދިރާގު

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށްވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތްކުރަމުން ދާ ކަމަށެވެ.

އައިފޯން 14 ސީރީސްގެ ފޯނުތައް އެއް ފަހަރު ޗާޖު ކުރުމުން މުޅި ދުވަހު ޗާޖު ހުންނާނެއެވެ. އަދި އެ ފޯނުތަކަށް ސިގްނަލް ނުލިބުނަސް ސެޓެލައިޓް މެދުވެރިކޮށް އެމަޖެންސީ އެސްއޯއެސް ފޮނުވޭނެ ގޮތް ވަނީ ތައާރަފުކޮށްފައެވެ.

ހަމައެއާއެކު، އެ ފޯންތަކުގެ އިތުރު އާ ފީޗާއެއްގެ ގޮތުގައި ހިމަނާފައި ވަނީ 'އޯލްވޭސް އޮން' ޑިސްޕްލޭއެވެ. އެ ފީޗާގެ ސަބަބުން ފޯން ބޭނުން ނުކުރާ ގަޑީގައި ސްކްރީން އެއްކޮށް އަނދިރިކޮށް ދެއްކުމުގެ ބަދަލުގައި، ގަޑިއާއި ތާރީޚާއި ނޮޓިފިކޭޝަން ފަދަ މުހިންމު މައުލޫމާތު ފެންނަން ހުންނާނެއެވެ.

އެޕަލްއިން ބުނާ ގޮތުގައި 14 ޕްރޯ އާއި ޕްރޯ މެކްސްއަކީ އެ ސީރިސްގައި ޓެކްނޮލިޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފޯނެވެ. އެ ދެ ފޯނުގައި ބޭނުންކޮށްފައި ވަނީ އޭ16 ބަޔޮނިކް ޗިޕެއް ކަމަށާއި އޭގެ ސަބަބުން ފޯނުގެ މަސައްކަތްތައް އެހެން ފޯނުތަކަށް ވުރެ ހަލުވިކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން 14 ސީރީސްގެ ފޯނުތަކުގެ ކެމެރާތަކުގެ ފެންވަރު ކުރިއަށް ވުރެ ރަނގަޅުކޮށްފައިވާ ކަމަށާއި އަނދިރި ތަންތަނުގައި ނަގާ ފޮޓޯ މިހާރު މާ ރީތި ވާނެކަން އެޕަލްއިން ފާހަގަކުރިއެވެ.

comment ކޮމެންޓް