ރަޝިއާ ގެންދަނީ އދ.ގެ ބާރުކަނޑުވާލައި ބައިނަލްއަގްވާމީ ނިޒާމު ފުނޑާލަމުން: އެމެރިކާ

ވޮޝިންޓަން (22 ސެޕްޓެމްބަރު 2022): ރަޝިޔާގެ ސިފައިންގެ ރިޒާވް ބާރުތަކުގައި ހިމެނޭ ބައެއް ސިފައިން ހަނގުރާމައަށް ތައްޔާރުވެ ތިބުމަށް އަމުރުކުރައްވައި ރަޝިޔާގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމަށްޓަކައި (ނިއުކްލިޔާ ހަތިޔާރުވެސް ހިމެނޭގޮތަށް) ރަޝިއާގެ ލަޝްކަރުތަކަށް ލިބިފައިވާ އެންމެ ވަރުގަދަ ބާރު ބޭނުން ކުރާގޮތަށް ރައީސް ވްލަޑިމީރު ޕޫޓިން ނިންމެވުމުން އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ރުޅިގަދަ ވެއްޖެއެވެ.

މިކަމަށް ރައްދު ދެއްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ރައީސް ވްލަޑިމީރު ޕޫޓިން ބައިނަލްއަގްވާމީ ގާނޫނުތަކާ އަދި އދ. ގެ ޗާޓަރާ ޚިލާފުވެ ވަޑައިގެންފައިވާ ކަމުގައެވެ. ބާރުގެ ބޭނުންކޮށްގެން އެހެން ގައުމެއްގެ ބިމަކަށް ވެރިވެގަތުމަކީ އދ. ގެ ނިޒާމުގައި ކޮޅުފައިން ޖަހައި އެނިޒާމު ހަލާކުކޮށްލުންކަމަށްވެސް ބައިޑެން ސިފަކުރެއްވިއެވެ.

ޕޫޓިންއަށް ރައްދު ދެއްވަމުން ނޭޓޯގެ ގައުމުތަކުގެ އިސްވެރިންނާއި ޔޫރަޕްގެ އިއްތިޙާދުންވެސް ބުނެފައިވަނީ މިއީ ރަޝިއާއިން އދ. ގެ ޗާޓަރުގައި ކޮޅުފައިން ޖަހައި، ބައިނަލްއަގްވާމީ އުސޫލުތަކާއި ގާނޫނުތަކުގެ ހުރުމަތް ކަނޑާލުން ކަމުގައެވެ. ނަމަވެސް އިސްރާއީލުން ފަލަސްތީނަށް މިހެން ހެދުމުން އެމެރިކާއާއި ޔޫރަޕަށް އެކަން މައްސަލައަކަށް ވެފައެއް ނުވެއެވެ.

އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ލީޑަރުން މިމައްސަލާގައި އެންމެ ބޮޑަށް ރުޅިގަދަވީ ރަޝިއާ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ޔޫކްރެއިން އިން ހިފާފައިވާ ސަރަހައްދުތައް ޔުކްރެއިންއާ މުޅިން ވަކިވެ، ރަޝިޔާގެ ދައުލަތާ ގުޅުމާމެދު ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެސަރަހައްދުތަކުގައި ވެރިކަންކުރާ ރަޝިއާއަށް ތާއީދުކުރާ ފަރާތްތަކުން ނިންމައި އެކަން އިއުލާނު ކުރުމާ ގުޅިގެންނެވެ.

ދެހާސް ސާދަ ވަނައަހަރު ރަޝިއާއިން ހިފި ޔުކްރެއިންގެ ކްރައިމިޔާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައިވެސް މިފަދަ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު އެސަރަހައްދަކީ ރަޝިއާގެ ދައުލަތުގެ ބައެއްގެ ގޮތުގައި ރަޝިއާވަނީ ހަމަޖައްސާފައެވެ. މިގޮތަށް ހަމަޖެއްސުމަށްފަހު އެސަރަހައްދަށް ހަމަލާދޭކަށް ޔުކްރެއިން އަކަށް ކެރިފައެއް ނުވެއެވެ.

ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ސަރަހައްދުތަކުގެ ތެރެއިން ޔުކްރެއިންއާ މުޅިން ވަކިވެ، ރަޝިޔާގެ ދައުލަތާ ގުޅުމާމެދު އާންމުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމާފައިވާ ސަރަހައްދުތަކަކީ ރަޝިއާ ދަރިކޮޅުގެ މީހުންގެ އަޣްލަބިއްޔަތު އޮންނަ ސަރަހައްދުތައްކަމަށްވާ ދޮންބާސްގެ ދެ ސަރަހައްދުކަމަށްވާ ދޮނިއެސްކް އާއި ލުޣާންސްގެ އިތުރުން ޔުކްރެއިންގެ ދެކުނުގައި އޮންނަ ޚާރްކިވްއާއި ޒަޕޮރީޖިޔާއެވެ. މި ވޯޓު ނެގުން މާދަމައިން ފެށިގެން އަންނަ ހަފްތާގެ އަންގާރައާ ހަމައަށް އެތަންތަނުގައި ކުރިޔަށް ގެންދާނެއެވެ.

މިހަތަރު ސަރަހައްދު މިހާރުއޮތީ ރަޝިއާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. ޔުކްރެއިންގައި ރަޝިއާ ދަރިކޮޅުގެ މީހުންގެ އަޣްލަބިއްޔަތު އޮންނަ މިހަތަރު ސަރަހައްދަކީ ޔުކްރެއިންގެ ބިމުގެ ގާތްގަނޑަކަށް 22 އިންސައްތަ އެވެ. މިތަންތަން ޔުކްރެއިންގެ ތަންތަނުގެ ގޮތުގައި ހަމަޖެއްސީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު ރަޝިއާއާއި ޔުކްރެއިން ސޮވިއެޓް ޔުނިޔަންގެ އިއްތިޙާދީ ދައުލަތުގެ ބައެއްގެ ގޮތުގައި އޮތް ދުވަސްވަރުއެވެ.

މިތަންތަން ރަޝިއާގެ ސަރަހައްދުގެ ގޮތުގައި ހެދުމަކީ އދ. ގެ ޗާޓަރުގައި ކޮޅުފައިން ޖަހައި، ބައިނަލްއަގްވާމީ އުސޫލުތަކާއި ގާނޫނުތަކުގެ ހުރުމަތް ކަނޑާލުން ކަމަށް ސިފަކުރި އެމެރިކާއަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކާއި ސޫރިޔާގެ ގޯލާންގެ ބިންތައް އިސްރާއީލުގެ ތަންތަނުގެގޮތުގައި އިސްރާއީލުގެ ސަރުކާރުން ހަމަޖެއްސުމުން އެކަމާ އަޅާނުލައި އަދި އެކަމަށް ހިއްވަރުދީ އެމައްސަލާގައި އިސްރާއީލު ކުށްވެރިކުރަން އދ. ގައި ދެކޮޅު ހެދިގައުމެކެވެ.

އަދި މިމައްސަލާގައި ރަޝިއާ ކުށްވެރި ކުރަމުން ގެންދާ ޔޫރަޕްގެ ގައުމުތަކަކީވެސް އިސްރާއީލުން އަރަބި ގައުމުތަކަށާ އަދި ފަލަސްތީނާ ދެކޮޅަށް ކުރާ މިބާވަތުގެ ޣައިރު ގާނޫނީ ކަންކަމަށް ހިތްވަރުދެމުން ގެންދާ އަދި އިސްރާޢީލުން މިފަދަ ޖަރީމާއެއް ހިންގުމުން އެއީ ކަމެއްކަމަށް ނުދެކޭ ގައުމުތަކެވެ.

ރަޝިއާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވިގޮތުގައި ރަޝިޔާގެ ސިފައިންގެ ރިޒާވް ބާރުތަކުގައި ހިމެނޭ ބައެއް ސިފައިން ހަނގުރާމައަށް ތައްޔާރުވެ ތިބުމަށް އެދި ޕޫޓިން ނެރުއްވި ރިޔާސީ އަމުރަށް އިޖާބަ ދިނުމުގެ ގޮތުން ރަޝިއާގެ ރިޒާވް ފޯސްގައި ހިމެނޭ 25 މިލިޔަން މީހުންގެ ތެރެއިން ތިން ލައްކަމީހުން މިހާރުވަނީ ތައްޔާރީ ހާލަތަށް ގެނަސްފައެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި ޕޫޓިންގެ ބޭނުމަކީ ޔުކްރެއިންގައި ރަޝިއާ ދަރިކޮޅުގެ މީހުން ދިރިއުޅޭ މިދެންނެވި ހަތަރު ސަރަހައްދުގައި ފެންނަ ނުފެންނަ ވޯޓުނަގައިގެން އެތަންތަން ރަޝިއާގެ ބަޔަކަށް ހެދުމަށްފަހު ޔުކްރެއިން ހަނގުރާމަ (ރަޝިއާ ބުނާގޮތުންނަމަ ޔުކްރެއިން އާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަން) ނިމުނުކަން ރަސްމީކޮށް އިއުލާން ކުރުމެވެ.

ރިޒާވް ފޯސްގެ ބައަކު ތައްޔާރީ ހާލަތަށް ގެނައުމުގެ ބޭނުމަކީ ރަޝިއާގެ ތަންތަނުގެ ގޮތުގައި ހަމަޖައްސާ ޔުކްރެއިން ގެ ހަތަރު ސަރަހައްދު ހޯދުމަށްޓަކައި އެމެރިކާއާއި ނޭޓޯގެ އެހީގައި ޔުކްރެއިނުން ހަނގުރާމައި ފަށައިފިނަމަ އެހަނގުރާމައަށް ވަރަށް ވަރުގަދައަށް ތައްޔާރުވުމެވެ.

ރަޝިޔާގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމަށްޓަކައި (ނިއުކްލިޔާ ހަތިޔާރުވެސް ހިމެނޭގޮތަށް) ރަޝިއާގެ ލަޝްކަރުތަކަށް ލިބިފައިވާ އެންމެ ވަރުގަދަ ބާރު ބޭނުންކުރާނެކަމަށް ޕޫޓިން ވިދާޅުވީވެސް އެތަންތަން ހޯދުމަށް ޔުކްރެއިން ހަނގުރާމައެއް ފަށައިފިނަމަ އެހަނގުރާމައިގާ ރަޝިއާގެ ފުލް ބާރުތައް ބޭނުންކުރުމުގެ މަގްސަދުގައެވެ.

ދެހާސް ސާދަ ވަނައަހަރު ރަޝިއާއިން ހިފި ޔުކްރެއިންގެ ކްރައިމިޔާ ސަރަހައްދު އަނބުރައި ހޯދުމަށްވެސް ޔުކްރެއިން އިން ހަނގުރާމަ ފަށާފައެއް ނުވެއެވެ. އަދި މިހާރު ކުރާ ހަނގުރާމައިގާވެސް ކްރައިމިއާއަށް ހަމަލާދޭން ޔުކްރެއިންއަށް ކެރިފައެއް ނުވެއެވެ.

ރަޝިއާ ޔުކްރެއިން އާ ދެކޮޅަށް މިއަހަރުގެ ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު އަސްކަރީ އޮޕަރޭޝަން ފެށީ ދެބޭނުމެއްގައެވެ. އެއްބޭނުމަކީ ޔުކްރެއިންގައި ރަޝިއާ ދަރިކޮޅުގެ އާބާދީގެ އަޣްލަބިއްޔަތު އޮންނަ ސަރަހައްދުތައް (ހަތަރު ސަރަހައްދު)ގެ މީހުން ޔުކްރެއިންގެ އަނިޔާވެރިކަމުން ސަލާމަތް ކުރުމެވެ. އަނެއްކަމަކީ ޔުކްރެއިންގެ ތެރެއިން ނޭޓޯ ރަޝިއާގެ ސަރަހައްދީ ރޮނގާ ގާތްވިޔަ ނުދިނުމެވެ.

ވީމާ، މިގޮތަށް ހެދުމުން ޔުކްރެއިންއާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަން ފެށި މަގްސަދުގެ 50 އިންސައްތަ ހާސިލް ވިކަމަށް ރަޝިއާ ދެކޭނެއެވެ. އަނެއް 50 އިންސައްތަ ކަމަށްވާ ޔުކްރެއިންގެ ތެރެއިން ނޭޓޯ ރަޝިއާގެ ސަރަހައްދީ ރޮނގާ ގާތްވިޔަ ނުދިނުމުގެ މައްސަލަ ހައްލުނުކުރެވުނު ނަމަވެސް ޔުކްރެއިން އާ ގުޅިގެން ރަޝިއާގެ ސަރަހައްދީ ރޮނގާ ހަމައަށް އަންނަން ނޭޓޯ މަސައްކަތްކުރާނަމަ ޔުކްރެއިނަށް ވަރުގަދަ ހަމަލާތަކެއްދީގެން ރަޝިއާއަށް މިކަން ހުއްޓުވިދާނެއެވެ.

މީގެތެރޭގައި ޔުކްރެއިންގެ ގެ ސޮވެރިން މުއައްސަސާތަކަށް (ޔުކްރެއިންގެ ރިޔާސީ އޮފީހާއި ޕާލަމެންޓްފަދަ) ބާރުގަދަ މިސައިލްތަކުން ހަމަލާދީ އެތަންތަން ހަލާކުކޮށްލުންފަދަ ކަންކަން ހިމެނުން އެކަށީގެންވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު