ތ. ހިރިލަންދޫ މަސް ކައްކާ ސައިޓެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް ވިދާޅުވީ އެރަށު ސިނާއީ ސަރަހައްދުގައި ހުންނަ މަސް ކައްކާ ސައިޓެއްގައި ރޯވިކަން ކައުންސިލަށް ރިޕޯޓުކުރީ މިރޭ 10:35 ހާއިރުކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު ވަގުތުން ފުލުހުންނާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރިކަމަށް އޭނާ ވިދާޅުވިއެވެ.

ހިރިލަންދޫ މަސްކައްކާ ސައިޓެއްގައި ރޯވެ އަނދަނީ --
"އަލިފާން ނިއްވީ 11:30 ހާއިރު،" ޖަލާލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަސްކައްކާ ސައިޓުގެ 80 ޕަސަންޓު އެއްކޮށް އަނދާ ހުލިވެފައިވާކަމަށެވެ. ނަމަވެސް މި ހާދިސާގެ ސަބަބުން އެެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އަދި މިކަން ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"ކޮންމެ ރެއަކު އަށެއްޖަހާ އެހާއިރު މަސް ކައްކާ ނިންމާފަ ހަމަ ޗެކު ކުރާނެ. މަސް ކައްކާ ސައިޓުގެ ވެރިމީހާ ބުނި މިރޭ ވެސް 10 ޖަހާ އެހާއިރު ވެސް ސައިޓަށް ގޮސްލިކަމަށް،" އޭނާ ވިދާޅުވިއެވެ.
ޖަލާލު ވިދާޅުވީ އޭރު ވެސް އެތަނުގައި އަލިފާނުގެ އަސަރެއް ނެތްކަމަށެވެ. އަދި މި ހާދިސާ ހިނގީ މަސް ކައްކާ ސައިޓުގައި އެއްވެސް މީހަކު ނެތީސްކަމަށް އޭނާ ވިދާޅުވިއެވެ.
"އަލިފާން ނިއްވުމުގައި ރަށު ރައްޔިތުންގެ ކިބައިން ލިބުނު އެހީއާއި އެއްބާރުލުން އަޅުގަނޑު ފާހަގަކުރަން،" ޖަލާލް ވިދާޅުވިއެވެ.