އެމްޑީއޭގެ ގައުމީ މަޖިލީހުގެ މެންބަރަށް ހަމަލާ ދިން މައްސަލަ ތަހުގީގު ކުރަނީ

އެމްޑީއޭގެ ގައުމީ މަޖިލީހުގެ މެންބަރު އަޙްމަދު ރަޝީދު (ޕޮލި އަޙްމަދު) އެ ޕާޓީގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދާއެކު--- ފޮޓޯ

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ގައުމީ މަޖިލީހުގެ މެންބަރު އަޙުމަދު ރަޝީދު (ޕޮލި އަޙުމަދު)އަށް ހަމަލާދިން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ ޕޮލި އަޙުމަދަށް ހަމަލާދިން މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ޕޮލި އަޙުމަދަށް ހަމަލާ ދީފައި ވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ފުވައްމުލައް ސިޓީގެ ކެފޭއެއްގެ ތެރެއިންނެވެ.

ފޮލި އަޙުމަދު މިއަދު "ސަން"އަށް ވިދާޅުވީ އެ ހަމަލާ ދިނީ ފުވައްމުލަކުން އެމްޑީއޭއަށް މީހުން އިތުރުވަމުންދިއުމާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ. އެ ހަމަލާ ދިނީ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފޮލި އަޙުމަދަށް ހަމަލާ ދިން މީހާއަށް ގާނޫނުގެ ތެރެއިން ލިބެންޖެހޭ ހައްގު އަދަބު ވީ އެންމެ އަވަހަކަށް ދިނުމަށް ކަމާ ގުޅޭ ހުރިހާ ފަރާތްތަކަށް އެމްޑީއޭއިން ވަނީ ގޮވާލާފައެވެ.

https://sun.mv/168328

އެމްޑީއޭއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީގެ އެކްޓިވިސްޓަކު ޕޮލި އަޙުމަދަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"އެއްވެސް ފަރާތަކަށް ނުހައްގުން ކުޑަވެސް އަނިޔާއެއް ލިބުމަކީ މި ޕާޓީ، ކިތަންމެ ކުޑަ މިންވަރަކަށް ވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި މި ޕާޓީ އަބަދުވެސް އިސްކުރާނީ އަމާންކަމާއި ސުލްހަވެރިކަމުގެ އެންމެ ރިވެތި ގޮތް ކަމުގައި ދަންނަވަން،" ބަޔާނުގައި ވެއެވެ.

ފުވައްމުލަކުގައި އެމްޑީއޭގެ ހަރަކާތްތައް ފުޅާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ޕޮލި އަޙުމަދަށް ބައިވެރިވުމުގެ ފުރުސަތު ވީހާ ވެސް އަވަހަށް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެމްޑީއޭއިން ބުންޏެވެ.

comment ކޮމެންޓް