42 ރަށު ކައުންސިލަށް ސެކްޓްރީ ޖެނެރަލުން ހޯދުމަށް އިއުލާންކޮށްފި

ށ. އަތޮޅު ކައުންސިލްގެ މެންބަރުން

ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 42 ރަށު ކައުންސިލަށް ސެކެޓްރީ ޖެނެރަލް، (އެސްޖީ)ން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާނު ކޮށްފިއެވެ.

އެ ކޮމިޝަނުން ބުނީ އެ އަދަދަށް އެސްޖީން ހޯދަން އިއުލާނު ކޮށްފަައިވަނީ އެސްޖީން އިސްތިއުފާ ދީފައިވާ ކައުންސިލްތަކުގެ އިތުރު މިހާތަނަށް އެސްޖީން ނެތް ރަށްރަށުގެ ކައުންސިލަށް ކަމަށެވެ.

ރަށު ކައުންސިލްތަކަށް އައްޔަނުކުރާ އެސްޖީންގެ ދެ ކެޓަގަރީއެއްވާއިރު ފުރަތަމަ ގެޓަގަރީގެ މުސާރަ އަކީ 16،100 ރުފިޔާއެވެ. ދެވަނަ ކެޓަގަރީގެ މުސާރައަކީ 12،285 ރުފިޔާއެވެ.

އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ދެވަނަ ކެޓަގަރީގެ ޝަރުތު ހަމަވާ ފަރާތްތަކަށް ފުރުސަތު ދެވޭނީ ފުރަތަމަ ކެޓަގަރީގެ ޝަރުތު ހަމަވާ ފަރާތެއް ކުރިމަތިލާފައި ނުވާނަމަ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.

ރަށު ކައުންސިލުތަކުގެ އިތުރުން، ހަތަރު އަތޮޅު ކައުންސިލްގެ އިދާރާތަކަށް އެސްޖީން ހޯދުމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އިއުލާނު ކޮށްފައެވެ. އަތޮޅު ކައުންސިލްގެ އެސްޖީންގެ މުސާރައަކީ 21،000 ރުފިޔާއެވެ.

ރަށު ކައުންސިލާ އަތޮޅު ކައުންސިލްގެ އެސްޖީ ކަމަށް ކުރިމަތިލެވޭނީ މި މަހުގެ 29 ގެ ނިޔަލަށެވެ.

ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަކީ އެ ކައުންސިލެއްގެ އެންމެ އިސް އިދާރީ މުވައްޒަފެވެ. ލާމަރުކަޒީ ގާނޫނުގައި ވާގޮތުން އެ މަގާމަށް މީހުން އައްޔަން ކުރަނީ އެ ކައުންސިލެއްގެ ލަފާގެ މަތިން، ސިވިލް ސާވިސް ކޮމިޝަނުންނެވެ. އެސްޖީން އައްޔަން ކުރަނީ ފަސް އަހަރަށެވެ.

comment ކޮމެންޓް