އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބެންޗުން އަރައި ސޮން ހެއުން މިން ހެދި ހެޓްރިކުން ލެސްޓާ ސިޓީގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފިއެވެ.
ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 6-2ގެ ތަފާތު ބޮޑު ނަތީޖާއަކުންނެެވެ.
ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް 59 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ސޮން ކުޅެން ނިކުތް ހިސާބުން ޓޮޓެންހަމްއިން ނުރައްކާތެެރި ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ.
ރޭގެ މެޗު ފަށައިގެން ހަވަނަ މިނެޓުގައި ލެސްޓާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ޓޮޓެންހަމްގެ ޑަވިންސަން ސަންޗޭޒް ލެސްޓާގެ ޖޭމްސް ޖަސްޓިން އަށް ޕެނެލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޔޫރީ ޓީލަމަންސް ޖެހި ގޯލެކެވެ.
ނަމަވެސް އޭގެ ދެ މިނެޓު ފަހުން ޓޮޓެންހަމްގެ ހެރީ ކޭން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލަކީ ޑޭޖާން ކުލުސޭވްސްކީ ނަގައިދިން ހުރަހަކުން އޭނާ ޖެހި ގޯލެކެވެ.
މެޗުގައި ޓޮޓެންހަމްއަށް ފުރަތަމަ ފަހަރަށް ލީޑު ލިބުނީ މެޗުގެ 21 ވަނަ މިނެޓުގައި އިވާން ޕެރިސިޗް ނެގައިދިން ކޯނަރަކުން އެރިކް ޑަޔާ ބޮލުން ޖެހި ގޯލަކުންނެވެ.
މެޗުގެ 41 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ލެސްޓާގެ ޓިމޮތީ ކަސްޓާނިއޭ ނެގި ހުރަހަކުން އެ ގޯލު ޖަހައިފައިވަނީ ޖޭމްސް މެޑިސަންއެވެ.
އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ރޮޑްރީގޯ ބެންޓަންކޫރު ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ވަދެގެން ޓޮޓެންހަމްއިން ވަނީ އަލުން މެޗުގެ ލީޑު ނަގައިފައެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ސޮން ވަނީ އޭނާގެ ފުރަތަމަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ އޭރިއާ ބޭރުން ގޯލުގެ މަތީ ކަނަށް އޭނާ ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. މެޗުގެ 84 ވަނަ މިނެޓުގައި ސޮން ވަނީ އަނެއްކާ އޭރިއާ ބޭރުން ގޯލެއް ޖަހައިފައެވެ. އޭގެ ދެ މިނެޓު ފަހުން ސޮން އޭނާގެ ހެޓްރިކް ފުރިހަމަކުރީ ޕިއޭ-އެމީލް ހޮއިބިއާގެ އެހީތެރިކަމާއެކުއެވެ.
އެ ނަތީޖާއާއެކު ކުޅުނު ހަތް މެޗުން ލިބުނު 17 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މެޗުން ބަލިވި ލެސްޓާ ތާވަލުގެ އެންމެ ފުލުގައި އޮތީ ކުޅުނު ހަތް މެޗުން ލިބުނު އެއް ޕޮއިންޓާއެކުއެވެ.