މަސްދަރު ހާމަކުރަންޖެހޭ ގާނޫނު އިސްލާހުކުރާނަން: ރައީސް

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑުގައި ރައީސް ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ޖުލައިމަހު ތަސްދީގު ކުރެއްވި ހެއްކާބެހޭ ބިލާ ގުޅޭގޮތުން މީޑިއާގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވި އެކަމާ ގުޅޭގޮތުން މީޑިއާގެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރެއްވިކަަމަށެވެ.

"މިކަމުގައި ހައްލެއްހޯދާ އެ ގާނޫނު އަލުން އިސްލާހު ކުރުމަށް އަޅުގަނޑު މި ހުރީ ނިންމައިގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަހިކޮށްދިނުމަށްޓަކައި ނޫސްވެރިކަަމަށް ހުރަހެއްގެ ގޮތުގައި ކުރިން އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ގޮތުގައި އޮތް ގާނޫނު އުވާލާފައިވާކަމަށެވެ.

ރާއްޖޭގައި ނޫސްވެރިކަން އިތުރަށް ފުޅާކުރުމަށް ނޫސްވެރިންނަށް އެކަށީގެންވާ ޓްރެއިނިން ނުދެވޭކަން ފާހަގަކުރައްވައި އެކަމަށް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން މަސައްކަތް ކޮށްދެވުމަށް ރައީސް އެދިވަޑައިގަތެވެ.

ޚިޔާލު ފާޅުކުރުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ދުނިޔެއަށް ހެޔޮ ބަދަލެއް ގެނައުމަށް ބަސްބުނުމަކީ މުހިންމުކަމެއް ކަމަށެވެ. ނަމަވެސް ފާޅުކުރާ ޚިޔާލަކީ އަނެކާއަށް އިހްތިރާމުކުރެވޭ ޚިޔާލަކަށް ހަދަންވާނެކަމަށާއި ބުނާ ބަހަކުން ނުކުންނާނެ ނަތީޖާއާމެދު ވިސްނަން ޖެހޭނެ ކަމަށެވެ.

"ބުނެވޭ ބަހެއްގެ ސަބަބުން ނުވަތަ ލިޔެވޭ ލިޔުމެއްގެ ސަބަބުން ނުކުންނާނީ ރަނގަޅު ނުވަތަ ގޯސް ނަތީޖާއެއްތޯ ވިސްނުމަކީ ޒިންމާދާރު ނޫސްވެރިން ކުރާނެކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސީން މޮޅުވާން ބޭނުންކުރި އެންމެ ވަރުގަދަ ހަތިޔާރަކީ ރޭޑިއޯކަމަށެވެ. އޭރުގެ އިނގިރޭސި ބޮޑުވަޒީރުގެ ދުވަސް ފަށަނީ ރޭޑިއޯ މެދުވެރިކުރައްވައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކެނޑިނޭޅި ކޮންމެ ދުވަހަކު އިނގިރޭސި ލަޝްކަރުތަކަށް ބޮޑުވަޒީރު ރޭޑިއޯ މެދުވެރިކުރައްވާ މުޚާތަބުކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބޮޑުވަޒީރުގެ ހިތްވަރާ ފަންވަރާ ގައުމީ ޖޯޝުން ފުރިގެންވި ތަގުރީރުތައް އިނގިރޭސި ސިފައިންގެ ކަންފަތް ފަހަނައަޅާ ހިތްތައް ފަތަހަ ކުރެއްވި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ވިއެޓްނާމްގެ ހަނގުރާމައަށް ވަނަމުން މުޚާތަބު ކުރީ "ޓެލެވިޒަން ވާ"ގެ ނަމުގައިކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޓެކްނޮލޮޖީގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ވި އެއް ދާއިރާއަކީ ވެސް ބްރޯޑްކާސްޓިން ދާއިރާކަމަށެވެ. އަދި އިންޓަނެޓްގެ ޒަރިއްޔާއިން އެންމެނަކީ ވެސް ޚަބަރު ފަތުރާ މުނިފޫހި ފިލުވަދޭ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މިރޭގެ ހަފުލާއަކީ ވަރަށް ތާރީޚީ އަދި އުފާވެރި ހަފުލާއެކެވެ. މިފަދަ އެވޯޑެއް ރާއްޖޭގައި އަލަށް ދޭން ފެށުމުން ރައީސް ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސާ މަރިޔަމް ވަހީދާއަށް ޝުކުރު އަދާކުރައްވާފައެވެ.

ހެއްކާބެހޭ ބިލް ފާސްކުރިއިރު އޭގައި ހުރި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް ރައީސް އޮފީހަށް ގިނަ އަދަދެއްގެ ނޫސްވެރިން ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ. ނަމަވެސް އޭރު އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް އެއްވެސް ކަމެއް ސަރުކާރުން ނުކުރެއެވެ.

comment ކޮމެންޓް