ޗެމްޕިއަންސް ލީގުގައި ޖޮއެލް މެޓިޕް ފަހު ވަގުތު ޖަހައިދިން ގޯލުން އަޔެކްސް އަތުން ލިވަޕޫލް މޮޅުވެއްޖެއެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗު ލިވަޕޫލުން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ލިވަޕޫލުން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ޑިއޭގޯ ޖޮޓާ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެން މުހައްމަދު ސަލާހު ވަނީ މެޗުގެ ލީޑު ނަގައިފައެވެ.
ނަމަވެސް އޭގެ ދިހަ މިނެޓު ފަހުން އަޔެކްސްގެ ސްޓީވެން ބާގައިސް ދިން ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު މުހައްމަދު ކުޑޫސް އެ ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލުމަށްފަހު މެޗުގެ ނަތީޖާ ވަނީ ހަމަހަމަކޮށްފައެވެ.
ލިވަޕޫލުން މެޗުގެ ލީޑު އަލުން ނެގުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 88 ވަނަ މިނެޓުގައި ކޯނަރަކުން މެޓިޕް ޖެހި ބޯޅަ ގޯލަށް ވަނުމުންނެވެ. އެ ބޯޅަ އަޔަކްސްގެ ޑޫސާން ޓަޑިޗް ދިފާއުކުރުމަށް މަސައްކަތް ކުރި ނަމަވެސް އޭގެ ކުރިން އެ ބޯޅަ ވަނީ ގޯލުގެ ރޮނގު ހުރަސްކޮށްފައެވެ.
އަޔެކްސް އަތުން ލިވަޕޫލަށް ލިބުނު މޮޅާއެކު އެ ޓީމު ތާވަލުގެ ތިންވަނައަށް ޖެހިލިއިރު ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތީ އަޔެކްސްއެވެ. އަދި އެއްވަނައިގައި ނަޕޯލީ ވެސް އޮތީ ތިން ޕޮއިންޓާއެކުއެވެ.
ނަމަވެސް މާދާމާ ރޭ ރަށުންބޭރުގައި ރޭންޖާސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ނަޕޯލީއަށް އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގޭނެއެވެ. ނަޕޯލީ ވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ލިވަޕޫލާ ދެކޮޅަށް ކުޅެ 4-1ގެ ނަތީޖާއަކުން މޮޅުވެފައެވެ.