ހޯޑެއްދޫއާއި މަޑަވެލި ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފި

މަޑަވެއްޔާއި ހޯޑެއްދޫ

ގދ. ހޯޑެއްދޫއާއި ގދ. މަޑަވެލި ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ސަރުކާރުގެ ބަޖެޓުން 84.17 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ. މި މަސައްކަތް ފެށުމަށްޓަކައި މިއަދު ހޯޑެއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނާއި މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން އާއި، ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝްގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:

  • 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުން
  • ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުން
  • 285 ސްޕަން ޕައިލް ހަރުކުރުން
  • 4596 އަކަ މީޓަރުގެ ސަރަހައްދުގައި ތާރުއެޅުން
  • 1378 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިންގް ހެދުން
  • ކޯޒްވޭއަށް ދެވެން އޮންނަ މަގުތަކުގެ 3144 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި، ތާރު އެޅުން
  • ރެއިލިން އަދި މަގުބައްތި ހަރުކުރުން
  • މަގުމަތި ނިޝާން ކުރެހުން

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ ތަކުލީފެއް ނެތި މަޑަވެއްޔަށް ގޮސް ބޭނުން ޚިދުމަތެއް ހޯދުމަށްފަހު އަނބުރާ ހޯޑެއްދޫއަށް އައުމުގެ މަގު ފަހިވުމަކީ އަބަދުވެސް ދެކުނު ހުވަފެނެއްކަމަށެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަގުފަހިކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުއްމަދު ޞާލިހަށާއި މަޑަވެލި ދާއިރާގެ މެންބަރު ފިރުޝާނާއި އެމްޓީސީސީއަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

އެ ދެރަށް ގުޅާލުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ހޯޑެއްދޫއާއި މަޑަވެއްޔާ ދޭތެރޭގައި އޮތް ކަންނިގިލާ އާއި ހާދޫ ވެސް ގުޅާނާނެކަމަށެވެ.

އާޒިމް ވިދާޅުވީ ކަންނިގިލާއަކީ ހައެއްކަ ހެކްޓަރުގެ ރަށެއްކަމަށެވެ. އަދި އެރަށުގައި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ސައިޒުގެ ގޮތުން ކުޑަ ނަމަވެސް ހާދޫއަކީ ވެސް އެފަދަ ކަމެއްގަ ބޭނުން ހިފޭވަރު ރަށެއް،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހޯޑެއްދޫއާއި މަޑަވެލި ކޯޒްވޭއަކުން ގުޅާލުމުން އެކަމުގެ ފައިދާ އެތައް ގޮތަކުން ދެރަށުގެ ރައްޔިތުންނަށް ކުރާނެކަމަށެވެ. އެގޮތުން ދަނޑުވެރިކަމަށާއި މަސްވެރިކަމުގެ އިތުރުން ފަތުރުވެރިކަމަށް ވެސް އެކަމުގެ އެދެވޭ އަސަރުކުރާނެކަމަށް ވިދާޅުވިއެވެ.

"މަޑަވެލީގެ ތުނޑި ފަތުރުވެރިކަމުގެ ޒޯނަކަށް ހަދަން ލޭންޑްޔޫސް ޕްލޭންގަ އޮތްއިރު ހޯޑެއްދޫގަ އެބަހުރި ހަވަރަކަށް އެނދު ފަތުރުވެރިކަމަށް ތައްޔާރުވެފަ،" އާޒިމް ވިދަޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016 ވަނަ އަހަރު ހޯނޑެއްދުއާއި މަޑަވެއްޔާ ދެމެދު އެޅި ކޯޒްވޭ ކަނޑައިލައިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ޚަރަދު ކުރިއެވެ.

ދެރަށް ގުޅުވައިދިން ކޯޒްވޭ ކަނޑައިލައިފައިވަނީ ކޯޒްވޭގެ ސަބަބުން ދެ ރަށުގެ ތިމާވެއްޓަށް ވެސް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށް ބުނެއެވެ.

މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން މިދިޔަ އަހަރު ވަނީ ހޯނޑެއްދޫއަށް ކޯޒްްވޭގެ ސަބަބުން ވަމުންދާ ގެއްލުންތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައިފައެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އީޕީއޭގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިންނެއް ނޫނެވެ. އަދި ކޯޒްްވޭގެ ސަބަބުން ލިބޭ ގެއްލުންތަކާހެދި އެ ދެ ރަށުގެ ރައްޔިތުންނަށް ވެސް ބިރުވެރިކަމަކާ ކުރިމަތިވެފައިވާ ކަމަށް އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

އެ ރިޕޯޓުގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުން އެ ދެ ރަށުގެ ދޭތެރޭގައި އަޅައިފައިވާ ކޯޒްވޭގެ މަޝްރޫއުގައި ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން ވަނީ ބޮޑެތި އިހުމާލުތަކެއް ވެފައެވެ. އަދި އެ ކޯޒްްވޭގެ ސަބަބުން ދެ ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއްވެ ކޯޒްްވޭ ވެސް ބޭނުން ނުކުރެވޭތީ އެކަމުގައި އިހުމާލުވެފައިވާ މީހުންގެ އަތުން ބަދަލު ހޯދުމަށް ވެސް މިދިޔަ އަހަރު މަޖިލީހުން ފާސްކުރިއެވެ.

comment ކޮމެންޓް