މޫނުމަތި ރޫފިލުވަން ބޭނުންކުރާ ފޭކް ބޭހެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވަސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރިފައިވާ އެލާޓް މެސެޖެއްގައި ބުނެފައިވަނީ މޫނުމަތި ރޫފިލުވުމަށް ބޭނުންކުރާ 'ޑީސްޕޯޓް' ނަމަކަށްކިޔާ ބޭހެއްގެ ފޭކް ބޭސްތަކެއް ޔޫރަޕާއި އިރުމަތީ މެޑިޓެރޭނިއަންގެ ފަސް ގައުމެއްގައި ދައުރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާ ކަމަށެވެ.
އެ ބޭހަކީ ހުއްދަ ނަގައިގެން ރާއްޖެއަށް އެތެރެކުރާ ބޭސްތަކުގެ ލިސްޓްގައި ހިމެނޭ ބޭހަކަށްވާއިރު މިހާތަނަށް އަދި އެފަދަ ހުއްދައެއްގެ ދަށުން ބޭސް ރާއްޖެއަށް ގެނެސްފައިނުވާ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.
ރާއްޖެއިން ބޭރުން ނުވަތަ އަމިއްލައަށް ބޭސް ސިޓީއެއް މެދުވެރިކޮށް އެ ބޭސް ރާއްޖެ ގެންނަ ނަމަ ބޭހުގެ ބެޗުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބޭސް ރާއްޖެއަށް އެތެރެކުރާއިރު ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުން ޗެކް ކުރަމުންދާނެ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.
އެމްއެފްޑީއޭ އިން މިއަދު ވަނީ ޖިންސީ ބާރުވެރިކަން އިތުރުކުރުމަށް ކަމަށް ބުނެ ބޭނުންކުރާ މާމުއިގެ ބާވަތްތަކެއް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވެސް އިލްތިމާސް ކޮށްފައެވެ.