ގާނޫނީ ވަކީލަކު މަސައްކަތުގެ ބޭރުން ކުށެއް ކޮށްފިނަމަ އެ މައްސަލަ ބާ ކައުންސިލަށް ބެލޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔޫނުސް އަލީ ހުށަހަޅުއްވާފައިވާ ބިލުގައި ބުނީ ގާނޫނުގައި ބަޔާން ކޮށްފައިވާ އުސޫލަކާ ނުވަތަ ސުލޫކީ މިންގަނޑެއް ނުވަތަ ވަކީލުންގެ ސުލޫކާއި ޚިލާފުވެއްޖެނަމަ އެ ވަކީލަކާ ގުޅޭ މައްސަލަ ބާ ކައުންސިލަށް ހުށަހެޅިދާނެ ކަމަށެވެ. މީގެ އިތުރުން ގާނޫނީ ފަންނުގެ އަސާސްތަކާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ހަމަތައް ނެގެހެއްޓުމަށް ޓަކައި ގެންގުޅެން ވާނެ އުސޫލުތަކާ ޚިލާފު، ގާނޫނީ ފަންނުގެ އިތުބާރު ގެއްލޭ ކަމެއް ވަކީލަކު ކޮށްފިނަމަ އެކަމުގެ ޝަކުވާ ވެސް ހުށަހެޅޭނެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ޝަކުވާ ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބެއެވެ. އަދި އެފަދަ މައްސަލަތައް ބާ ކައުންސިލްގެ އަމިއްލަ އިސްނެގުމުގައި ވެސް އެ ކައުންސިލަށް ބެލިދާނެއެވެ. އެފަދަ މައްސަލައެއް ބަލާ ހާލަތުގައި މައްސަލަ ބެލުމަށް ބާ ކައުންސިލްގެ ސުލޫކީ ކޮމިޓީގައި ހިމެނޭ މެމްބަރުންގެ ތެރެއިން ތިން މެމްބަރުން ހިމެނޭ ޕެނަލްއެއް އެކުލަވާލުމުގެ ފުރުސަތު އެ ކައުންސިލަށް ލިބޭނެ ކަމަށް ބިލުގައި ބަޔާން ކުރެއެވެ.
ބިިލުގައި ބުނީ އެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައެޅިފައިވާ ސުލޫކީ ހަމަތައް ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ވަކީލުންގެ މައްޗަށް ވެސް ހިނގާނެ ކަމަށެވެ. ބިލު ހުށަހަޅުމުގެ ސަބަބުތަކުގެ ތެރޭގައި ގާނޫނީ ވަކީލުންގެ ސުލޫކީ ޝަކުވާގެ ގޮތުގައި ބާ ކައުންސިލަށް ހުށަހެޅޭނެ ޝަކުވާގެ ބާވަތްތައް ގާނޫނުގައި އިތުރަށް ތަފްސީލު ކުރުން ހިމެނެއެވެ.
މި ބިލު ހުށަހަޅާފައިމިވަނީ ގާނޫނީ ވަކީލު އަޙުމަދު ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިހާރު ތަހުގީގުކުރަމުންދާތީ ކޯޓުން އޭނާގެ މައުސޫމުކަން ސާބިތުވަންދެން ނާޒިމްގެ ވަކީލުކަމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިދިނުމަށް އެދި ބާ ކައުންސިލަށް ހުށަހެޅި މައްސަލަ ބެލެން ނެތް ކަމަށް ނިންމާފައިވަނިކޮށެވެ.
އެ މައްސަލަ ބާ ކައުންސިލަށް ހުށަހެޅުއްވީ, ގާނޫނީ ވަކީލު އަޙުމަދު ޠާލިބުއެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ނާޒިމް ސައްތާރަކީ ބާ ކައުންސިލުގެ ހުއްދަ ލިބިގެން ގާނޫނީ ވަކީލުކަމާއި އެހެނިހެން ގާނޫނީ މަސައްކަތްތައް ކުރައްވާ ވަކީލަކަށް ވާތީ ކަމަށެވެ.
ނާޒިމް ސައްތާރުގެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅާފައިވަނީ ޖުލައި މަހުގެ ހަ ވަނަ ދުވަހުއެވެ. ޠާލިބު ހުށަހެޅުއްވި ޝަކުވާއާ ގުޅޭ ގޮތުން ބާ ކައުންސިލުން ނިންމި ނިންމުމުގައި ބުނެފައި ވަނީ, ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅޭނީ ގާނޫނީ ވަކިލަކާ ހަވާލުކުރާ މަސައްކަތަކާ ގުޅިގެން އެ ވަކީލަކު އަމަލުކުރާ ގޮތެއްގެ ސަބަބުން ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފުވުމުން ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.