ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ގެންދަވަނީ ދުނިޔޭގެ ޚުދުމުޚްތާރު ގައުމުތަކުގެ އެލަޔަންސެއް ހަދައިގެން އެމެރިކާގެ ބާރާއި ނުފޫޒު ކުޑަކުރުމަށް ވަރަށް ބާރަށް މަސައްކަތް ކުރައްވަމުން ކަމަށް އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ "ވޮޝިންޓަން ޕޯސްޓް" އިން ތުހުމަތު ކޮށްފިއެވެ.
އެނޫހުގެ އެޑިޓަރު ޖޯޝް ރޮޖިން ލިޔުއްވާފައިވާ ގޮތުގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިންކަމަށްވާ ޔޫރަޕްގެ ބާރުތަކަކީ ދުނިޔެ ތަރައްގީކޮށް އާރާސްތުކޮށްދީ ދުނިޔޭގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ޑިމޮކްރަސީ ގާއިމް ކުރަންއުޅޭ ރަނގަޅު ގައުމުތަކެވެ. ނަމަވެސް އެމެރިކާގެ ވާދަވެރިންކަމަށްވާ ޗައިނާއާއި ރަޝިއާ ފަދަ ގައުމުތަކަކީ އެއާ މުޅިން ޚިލާފަށް ދުނިޔެ ހަލާކުކުރަން މަސައްކަތްކުރާ ގައުމުތަކެކެވެ. ޚުދު މުޚްތާރު ވެރިކަންތައް ކުރާ އަދި އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ގައުމުތަކެވެ.
"ވޮޝިންޓަން ޕޯސްޓް" ބުނާގޮތުން ރަޝިއާ ގެންދަނީ ޗައިނާއާއި އުތުރުކޮރެއާ އަދި އީރާން ފަދަ "ޚުދުމުޚްތާރު" ގައުމުތައް ހިމަނައިގެން އެމެރިކާއާއި އެމެރިކާގެ ބައިވެރިންކަމަށްވާ ޔޫރަޕްގެ "ޑިމޮކްރަސީ"ތަކުގެ ބާރާއި ނުފޫޒާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.
"ވޮޝިންޓަން ޕޯސްޓް"އިން ރަޝިއާއާއި ޗައިނާއަކީ ޚުދު މުޚްތާރު ގައުމުތައް ކަމަށް ސިފަކުރާއިރު ރަޝިއާއާއި ޗައިނާގެ ނޫސްތަކުން އެމެރިކާ އާއި ޔޫރަޕްގެ ބާރުތައް ސިފަކުރަމުން ގެންދަނީ ދުނިޔެ އިސްތިއުމާރުކޮށް ދުނިޔޭގެ އެތައް ގައުމުތަކަކުން ވައްކަންކޮށް އެގައުމުތައް ލޫޓުވާލައި އެގައުމުތަކުގެ ރައްޔިތުން އަޅުވެތިކޮށް އެމީހުން ލައްވައި އަޅު މަސައްކަތްކޮށް އަޅުންގެ ބާޒާރުތައް އުފެއްދި އިންޕީރިއަލިސްޓް އަނިޔާވެރި އިސްތިއުމާރީ ބާރުތަކެއްގެ ގޮތުގައެވެ.
އެމެރިކާއާއި ޔޫރަޕްގައި ޑިމޮކްރަސީގެ ނިޒާމު ގާއިމް ވުމަށްފަހުވެސް އެގައުމުތަކުގެ އިސްތިއުމާރީ ވިސްނުމަށް އަދިވެސް ބަދަލު ނާންނަކަމަށް ރަޝިއާއާއި ޗައިނާ ދެކެއެވެ. އެހެން ގައުމުތައް އަޅުވެތިކޮށް ދުނިޔޭގައި ހަންފެތުމަކީ މިއަދުވެސް އެމެރިއާއި ޔޫރަޕްގެ ބާރުތަކުގެ އެންމެ އިސް އެޖެންޑާކަމަށް ޗައިނާއާއި ރަޝިއާގެ މީޑީއާއިން ތުހުމަތު ކުރެއެވެ.
މީގެއިތުރުން އެމެރިކާއާއި ޔޫރަޕުން ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ބޭނުންކުރަނީ އެގައުމުތަކުގެ އިސްތިއުމާރީ މަގުސަދުތައް ހާސިލްކުރާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައިކަމަށްވެސް ރަޝިއާއާއި ޗައިނާގެ ނޫސްތަކުން ގެންދަނީ ސިފަކުރަމުންނެވެ.
އެމެރިކާއާއި ޔޫރަޕުން މިހާރު ގެންދަނީ ޗައިނާގެ ދަރަނީގެ ވާހަކަތައް ދައްކަމުންނެވެ. ޗައިނާގެ ދަރަނީގެ ދަންތުރާގައި ދުނިޔޭގެ ގައުމުތައް ޖައްސުވައި އެގައުމުތައް އަތްދަށުލާން އުޅޭކަމުގެ ވާހަކަތައް ދައްކަމުންނެވެ. ނަމަވެސް ރަޝިއާއާއި ޗައިނާގެ މީޑިއާއިން ސިފަކުރާގޮތުގައި އެމެރިކާގެ ކޮންޓްރޯލް އޮންނަ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް "އައިއެމްއެފް"ން ގެންދިޔައީ 1960ގެ އަހަރުތަކުން ފެށިގެން ދުނިޔޭގެ ފަގީރު ގައުމުތައް ދަރަނީގެ ދަންތުރާގައި ޖައްސައިގެން އެގައުމުތަކުގެ އިގްތިސާދުގެ "ލޭބޮމުން"ނެވެ.
"ވޮޝިންޓަން ޕޯސްޓް"ގެ ލިޔުމުގައި، މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ރަޝިއާއި ޗައިނާއާ ދެމެދު ގާއިމްކުރި ސްޓްރެޓީޖިކް ޕާޓްނާޝިޕް އަށްވެސްވަނީ ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ. އަދި 2021 ވަނައަހަރު އީރާނުން ޗައިނާއާއެކު ގާއިމްކުރި 25 އަހަރުގެ އިގްތިސާދީ ޕާޓްނާޝިޕްގެ އެއްބަސްވުމާއި މިއަހަރުގެ ޖުލައިމަހު އީރާނުން ރަޝިއާއާއެކު އިގްތިސާދީ، ސިޔާސީ، އަސްކަރީ އަދި ޓެކްނޮލޮޖީގެ ޕާޓްނާޝިޕް ގާއިމް ކުރުމަށްޓަކައި އެދެގައުމުން ސޮއިކުރި އެއްބަސްވުމަށްވެސް ވަނީ ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ.
މުރާސިލުން ބުނާގޮތުގައި ދުނިޔެ މިހާރު މިދަނީ ސްޓްރެޓީޖިކް ގޮތުން ދެބައަކަށް ބައިވެ އެދެބައިގެ މެދުގައި ފިނި ހަނގުރާމައެއްގެ މާހައުލު އުފެދެމުންނެވެ. ކުރީގެ ސޮވިއެޓް ޔުނިޔަންއާއި އެމެރިކާ ބޮޑު ދެބާރުގެ ގޮތުގައި އޮތް ދުވަސްވަރު އެދެގައުމުގެ ދެމެދުގައި އޮތް ފިނި ހަނގުރާމައިގެ ވާދަވެރިކަމުގައިވެސް އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދިނުމުގައި އިސް ދައުރެއް އަދާކުރީ އެދެގައުމުގެ މިޑީއާ އެވެ.
އެމެރިކާގެ މީޑިއާއިން ސޮވިއެޓް ޔުނިޔަންއަކީ ދަގަނޑުގެ އަނިޔާވެރި އަތަކުން ވެރިކަންކުރާ ޚުދުމުޚްތާރު ނިޒާމެއްކަމަށް ސިފަކުރިއިރު ސޮވިއެޓް ޔުނިޔަންގެ މިޑިއާއިން އެމެރިކާ ސިފަކުރަމުން ގެންގޮސްފައިވަނީ ގައުމުތަކަށް އިސްވެ ހަމަލާދީ މިލިޔަނުން މީހުން މަރައި ގައުމުތަކުގެ އިގްތިސާދު ލޫޓުވައި ގައުމުތަކުގެ ރައްޔިތުންގެ ލޭބޮމުންދާ އިސްތިއުމާރީ ޑްރިކިއުލާއެއްގެ ގޮތުގައެވެ.
ޗައިނާގެ ރައީސް ޝީ ޖިންގްޕިން އާއި ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންގެ ބައްދަލުވުމެއް މިހަފުތާގައި އޮންނާނެކަން އެދެގައުމުން ހާމަކޮށްފައިވާއިރު ރަޝިއާ، ޗައިނާ އަދި އިންޑިއާ ހިމެނޭ ގޮތަށް އެތައް ގައުމެއްގެ ސިފައިން ގުޅިގެން ރަޝިއާގައި ދާދިފަހުން ވަނީ ވަރަށް ފުޅާދާއިރާއެއްގައި އަސްކަރީ ތަމްރީންތަކެއްވެސް ބާއްވާފައެވެ.
މިއީވެސް އެމެރިކާ އިންތިހާއަށް ކަންބޮޑުވި މައްސަލައެކެވެ. އަނެއްކޮޅުން ރަޝިއާއިން އުތުރުކޮރެއާއާއި އީރާނުން ބައެއް ބާވަތުގެ ހަތިޔާރުތައް ގަތުމާއި އެދެގައުމާއެކު ރަޝިއާ އަސްކަރީ ގުޅުންތައް ބަދަހިކުރަމުން ދާ ދިޔުމަކީވެސް އެމެރިކާ ވަރަށް ބޮޑަށް ކަންބޮޑުވާކަމެކެވެ.
ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ދާދިފަހުންވަނީ އެމެރިކާއާއި ޔޫރަޕް ގުޅިގެން ރަޝިއާ އިނދަޖައްސާލައި ރަޝިއާ ދުނިޔެއާ އެކަހެރި ކުރަން އެތައް މަސައްކަތެއްކޮށް އެތައް ރޭވުންތަކެއް ރާވަމުން ގެންދާކަމަށާއި ނަމަވެސް އެކަން ނުކުރެވޭ ކަމަށް ވިދާޅުވެ ހުޅަނގަށް ގޮންޖައްސަވައި ވާހަކަ ދައްކަވާފައެވެ.
ޕޫޓިން މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ އެމެރިކާ ޔޫރަޕަށް ބާރާއި ނުފޫޒު ފޯރުވައިގެން ޔޫރަޕްގެ އެހީއާއެކު ޔުކްރެއިންގެ ސިފައިން ބޭނުންކޮށްގެން ރަޝިއާ އަސްކަރީ ގޮތުން ބަލިކޮށް ރަޝިއާ އިނދަޖައްސާލުމުގެ އެޖެންޑާއެއް ތަންފީޒު ކުރަމުން ގެންދާކަމަށް ރަޝިއާގެ ދިފާއީ ވަޒީރު ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.