އަލަމްގީރު މައްސަލަ: އިއްޔެ ވެސް ތިން މީހަކު ހައްޔަރުކޮށްފި

ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކާ ގުޅިގެން އިއްޔެ ވެސް ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިއަދު ފުލުހުން ބުނީ އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކާ ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެކެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އެ ތިން މީހުންގެ ބަންދަށް ވެސް 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެ ފުލުހުން ވަނީ، އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ވެސް ކޯޓު އަމުރުގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެއީ 45 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 49 އަހަރުގެ މީހެކެވެ. އޭގެ ތެރެއިން 45 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ޖެހި އިރު ބާކީ ދެ މީހުންގެ ބަންދަށް ވަނީ 14 ދުވަސް ޖަހާފައެވެ.

އޭގެ ތެރެއިން އެއްވެސް މީހެއްގެ ވަނަވަރެއް ފުލުހުން ހާމަނުކުރެއެވެ.

އެނގިފައިވާ ގޮތުގައި އެ އެންމެން ވެސް ހައްޔަރު ކުރީ އަލަމްގީރުގެ މައްސަލައާ ގުޅިގެންނެވެ.

ފަހަކަށް އައިސް ފިރިހެނުންނާއި އަންހެނުން ވެސް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާއްމުވެފައެވެ.

އަލަމްގީރުގެ މައްޗަށް މިހާރު ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެފައެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ވަނީ ހަތް މަހާއި ހަތް ދުވަހަށް ޖަލަށް ލައިފައެވެ. އޭނާ ވަނީ ގިނަ އަދަދެއްގެ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ކޯޓުގައި އިއުތިރާފް ވެފައެވެ.

އަލަމްގީރާއެކު އެ ހުތުރު އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު ހިމެނެއެވެ.

ތަހުގީގަށް ފަހު އެ މީހުން ބަންދުން ދޫކޮށްލާފައިވާއިރު އެ މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އޭގެ އިތުރުން ބައެއް މުދިމުންނާއި ޓީޗަރުންކަމަށް ބުނާ ބައެއްގެ ވީޑިއޯވެސް ވަނީ ލީކްވެފައެވެ.

comment ކޮމެންޓް