ފިގުހު އެކަޑަމީއެއް އެކުލަވާލަން ގާނޫނަށް ބަދަލު ގެންނަނީ

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން-- ފޮޓޯ: އެންއީއޯސީ

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބަދަލުގައި ފިޤުހު އެކަޑަމީއެއް އެކުލަވާލުމަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް މިދިޔަ މަހުފަހުކޮޅު އައްޔަނު ކުރެއްވިފަހުން ފުރަތަމަ ފަހަރަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ ފިގުހު އެކަޑަމީ އެކުލަވާލުމަށްޓަކައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ކުރިއަށް މިދާ ދައުރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުންކަމަށް އޭނާ ވިދާޅުވިއެވެ.

"ފިގުހު އެކަޑަމީ އެކުލަވާލެވި ފަތުވާ މަޖިލީހުން ކުރަމުންދާ މަސައްކަތް ފިގުހު އެކަޑަމީން ކުރަމުން ދާނެ،" މިއުވާން ވިދާޅުވިއެވެ.

ޖޫން މަހުގެ 21ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޔޯގާ ޑޭގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ވެސް ފަތުވާ މަޖިލީހުގެ ރައުޔެއް ހޯދުމަށް ގިނަބަޔަކު އެދުނެވެ. ނަމަވެސް ފަތުވާ މަޖިލިސް އުފެއްދި އިރު އައްޔަން ކުރި މެންބަރުންގެ ދައުރު ނިމުމުން އެ ބޭފުޅުންގެ ބަދަލުގައި މެންބަރުން އައްޔަނު ކޮށްފައި ނުވާތީ ފަތުވާ މަޖިލިސް އޮތީ ހުސްކަމެއްގެ ތެރޭގައެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުން ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގަމުންއައި ފިޤްހު އެކަޑަމީ ގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖްލިސް ގެ ނަމުގައި އޮފީހެއް އުފެއްދީ 2016 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. ނަމަވެސް އެ އިދާރާ އެހާ ރަނގަޅަށް ފަންގްޝަނެއް ނުކުރެއެވެ.

comment ކޮމެންޓް