ފިޒިއޮތެރަޕީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްއެންޔޫއިން ހަރަކާތްތަކެއް ފަށައިފި

ފަޒްނާ އަހްމަދު، ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން --- ފޮޓޯ/ ރައީސް އޮފީސް

ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ޔުނިވާސިޓީގެ، ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްއެޗްއެސް) އިން ދެ ދުވަހުގެ ހަރަކާތެއް ފަށައިފިއެވެ.

ދެ ދުވަހަށް ބަހާލައިގެން މިއަދު ފެށި އެ ހަރަކާތްތަކުގެ ތެރެއިން މިއަދުގެ ހަރަކާތް ކުރިއަށް ގެންދާނީ އެމްއެންޔޫގެ އެފްއެޗްއެސްގައެވެ. އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ހަރަކާތް އޮންނާނީ މާދަމާ ހަވީރު ސޯޝަލް ސެންޓަރުގައެވެ.

ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ.

އެފްއެޗްއެސް ގައި މިއަދު ފެށި މި ހަރަހާތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުއެވެ. އެކަމަނާ ވަނީ އެތަނުގައި ހުރި ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި ކުދިންނާ ވާހަކަފުޅު ދައްކަވައި ބައެއް މައުލޫމާތު ސާފު ކުރައްވާފައެވެ. އަދި ހެލްތް ސްކްރީނިން ސްޓޯލަށް ވަޑައިގެން ޓެސްޓް ހެއްދެވިއެވެ.

ފަޒްނާ އަހްމަދު، ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން --- ފޮޓޯ/ ރައީސް އޮފީސް

އެމްއެންޔޫގެ ލެކްޗަރާ އަދި ކޯސް ކޯޑިނޭޓަރު މުޙައްމަދު ނިމާލް "ސަން"އަށް ވިދާޅުވީ އެ ޔުނިވާސިޓީން މިއަދު ފެށި ދެ ދުވަހުގެ ހަރަކާތުގެ މައިގަނޑު ބޭނުމަކީ ޕޮޒިއޮތެރަޕީއާ ބެހޭގޮތުން އާއްމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމާއި ފިޒިއޮތެރަޕީއަށް ރާއްޖޭގައި ހުރި ފުރުސަތުތައް ކިޔައިދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ މި ދެ އިވެންޓުގެ ވެސް ބޭނުމަކީ ފިޒިއޮތެރަޕީއަކީ ކޮބައިކަން ކިޔައިދިނުމާއި ފިޒިއޮތެރަޕީން އާއްމުންނަށް އެހީތެރިވެވޭނެ ގޮތްތައް ބުނެދީ އަންގައިދިނުން ކަމަށެވެ.

ނިމާލް ވިދާޅުވީ އެ ހުރިހާ ހަރަކާތްތަކެއް އިންތިޒާމް ކޮށްގެން ކުރިއަށް ގެންދަނީ އެމްއެންޔޫގެ ފިޒިއޯތެރަޕީ ކޯސްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި ފެކަލްޓީ ގުޅިގެން ކަމަށެވެ.

"ފިޒިއޮތެރަޕީއަކީ ކޮބައިކަން ގިނަ ފަހަރަށް މި އޮންނަނީ ނޭނގިފަ. ކިހިނެއްތޯ ފިޒިއޮތެރަޕިސްޓުން މި މަސައްކަތް ކުރަނީ. އެންމެ ބޮޑު އެއްކަމަކީ ހުންނަ ނުކުޅެދުންތެރިކަމަކުން ނަމަވެސް ނޫނީ އެކްސިޑެންޓަކުން ނަމަވެސް ލިބޭ ހުރިހާ ގެއްލުމަކާ އެކު އަމިއްލަ ހެލިފެލިވެ، އުޅޭނެ ގޮތްތަކެއް ޕިޒިއޮތެޕިސްޓުން މި ދަސްކޮށްދެނީ. އެހެންވީމަ މިކަމުން އިމްޕްރޫވެގެން މި ދަނީ ކޮލިޓީ އޮފް ލައިފް،" ނިމާލް ވިދާޅުވިއެވެ.

ފަޒްނާ އަހްމަދު، ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން --- ފޮޓޯ/ ރައީސް އޮފީސް

އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި ކުރިއަށް މިގެންދަނީ ބެޗްލާ އޮފް ފިޒިއޮތެރަޕީގެ ރާއްޖޭގައި ހިންގައި ފުރަތަމަ ޕްރޮގްރާމެވެ. މި ޕްރޮގްރާމް ފެށުނީ 2019 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން މިއަދާ ހަމައަށް 54 ދަރިވަރުން ފިޒިއޮތެރަޕީއަށް ކިޔަވަމުން އެބަދެއެވެ.

މީގެ ތެރެއިިން އެއްވެސް ދަރިވަރަކު ދަސްވެނިވިގެން ވަޒީފާގެ މާހައުލަށް އަދި ނުނިކުމެއެވެ.

ނިމާލް ވިދާޅުވީ ހަތަރު ވަނަ އަހަރުގައި ކިޔަވަމުން އަންނަ ހަތް ދަރިވަރަކު މި ވަގުތު އެބަތިބި ކަމަށާއި އަންނަ އަހަރު ވަޒީފާގެ މާހައުލަށް އެ ކުދިން ނިކުންނާނެ ކަމަށެވެ.

މި ދެ ހަރަކާތްތަކުގެ ތެރޭގައި އެސެސްމެންޓް ހަދައިދިނުމާއި ހެލްތް ސްކްރީނިން ކުރުން ހިމެނެއެވެ. އަދި ހަރަކާތްތައް ކުރިއަށް ގެންދާއިރު ކުޑަކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ޚާއްސަ ގޭމް ސްޓޯލްތައް ހުންނާނެއެއެވެ.

މިއީ އެމްއެންޔޫއިން ފިޒޮއޮތެރަޕީ ދުވަސް ފާހަގަ ކުރާ ދެވަނަ އަހަރެވެ. އެގޮތުން މިދިޔަ އަހަރު ވަނީ ވަރަށް ކުލަގަދަ އެއް ދުވަހުގެ ހަރަކާތްތަކެއް އެ ޔުނިވާސިޓީގައި ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް