ފެނަކައިގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ ސަމާލުވުމަށް އެދިއްޖެ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ފެނަކަ ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން ސްކޭމް މެސެޖުތަކެއް ފޮނުވަމުން އަންނާތީ، އެކަމަށް ކަސްޓަމަރުން ސަމާލުވެ ތިބުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

ފެނަކައިން މިއަދު ބުނީ އެކި މުވައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރުކޮށް، ރައްޔިތުންނަށް އޮޅުވާލައި މަކަރާއި ހީލަތް ހެދުމަށް ބަޔަކު ފަށާފައިވާ ފިނޑި މަސައްކަތްތަކެއްގެ ތެރެއިން، އެ ކުންފުނީގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރުކުރަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފެނަކައިން ބުނީ އެ ކުންފުންޏަކީ ކަސްޓަމަރުންނާ ނުހަނު ގާތުން މަސައްކަތްކުރާ ކުންފުންޏަކަށް ވީހިނދު، ކުންފުނިން ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ނަމަ، އެ ކުންފުނީގެ ރަސްމީ މީސް މީޑިއާ އެކައުންޓްތަކުން، އެކަމާގުޅޭ ތަފްސީލްތައް ކަސްޓަމަރުންނާ ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.

"އެފަދަ އެއްވެސްކަމެއްގެ ތަފްސީލް ހޯއްދެވުމަށް ވަކި ލިންކަކަށް ކްލިކް ކުރެއްވުމަށް މި ކުންފުނިން ނޭދޭނެ ކަމުގައި ވެސް ދަންނަވަން. އެހެންކަމުން، މި ކުންފުނީގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ އެއްވެސް މެސެޖެއްގައި ހިމަނާފައިވާ ލިންކަކަށް ކްލިކް ނުކުރެއްވުމަށް ދަންނަވަން،" ފެނަކައިން ބުންޏެވެ.

އެފަދަ މެސެޖަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުންވާ ނަމަ، އެ ރަށެއްގައި ހުންނަ ފެނަކައިގެ ބްރާޗުން ނުވަތަ ކުންފުނީގެ ހެޑް އޮފީހުން މައުލޫމާތު ސާފު ކުރުމަށް ވެސް އެ ކުންފުނިން އެދެއެވެ.

comment ކޮމެންޓް