ރ. ދުވާފަރު ކައުންސިލުން ހިންގިކަމަށް ލޯކަލް ޑިވެލޮޕްމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފެށި މައްސަލައިގެ ތަހުގީގު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އޭސީސީއިން މިއަދު ބުނެފިއެވެ.
ދުވާފަރު ކައުންސިލުގެ ކޮރަޕްޝަންގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ ޖުލައި މަހުގެ 21ވަނަ ދުވަހުއެވެ. އަދި އެ މައްސަލަ ބަލައިގަނެ އެ މައްސަލަ ބަލަން ނިންމައިފައިވާ ކަމަށް އޭސީސީން ބުނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހުއެވެ.
އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު، ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
އެގޮތުން މިވަގުތު ވެސް އޭސީސީގެ އިންވެސްޓިގޭޓަރުން ހިމެނޭ ޓީމެއް ދުވާފަރުގައި ހަރަކާތްތެރި ވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ދުވާފަރަށް ދިޔަ އޭސީސީގެ ޓީމުން އެ މައްސަލައާ ގުޅޭ ލިޔެކިއުންތައް ބަލައި ދިރާސާ ކޮށް، ތަހުގީގަށް ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރަމުންދާ ކަމަށެވެ.
ހަމައެއާއެކު، ފައިސާއާ ގުޅޭ މުއާމަލާތްތައް ހިންގާފައިވާ ގޮތް ވެސް އޭސީސީން ބަލާނެކަމަށް ނިޝާން ވިދާޅުވިއެވެ.
ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް، ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލްގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފައިވާކަމަށް އެލްޖީއޭއިން އެކުލަވާލި ޚާއްސަ މޮނިޓަރިން ރިޕޯޓަކުން ވަނީ ހާމަވެފައެވެ.
އެ ރިޕޯޓުގައި ވަނީ ލާމަރުކަޒީ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެލްޖީއޭއިން އާންމުކޮށްފައިވާ އުސޫލުތަކާއި މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި އަދިވެސް އެހެނިހެން ކަންކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އެ ކައުންސިލުން އަމަލު ނުކުރާ ކަމަށެވެ.
އެގޮތުން ކައުންސިލަރުންގެ ޒިންމާތަކާއި، ވާޖިބުތައް އަދާކުރުމުގައި، ފަރުވާ ކުޑަކުރާ ކަމަށާއި، ކައުންސިލުން ބަލަހައްޓަން ޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލު ކޮށްފައިވާކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.