"އެލްޖީބީޓީ" ގެ ފަސާދަ ފިކުރު ފަތުރާ ދެ އެކްޓިވިސްޓަކަށް އީރާނުގައި މަރުގެ އަދަބު ދެނީ

އީރާނުން ދަަންޖައްސައި މަރަން ހުކުމް ކޮށްފައިވާ (އެލްޖީބީޓީ) ފިކުރު ފަތުރާ އެކްޓިވިސްޓެއް ކަަމަށްވާ ޒަހުރާ ސިއްދިގީ

ތެހެރާން (6 ސެޕްޓެމްބަރު 2022): އެއްޖިންސުން ގުޅުން ހިންގުމާއި ޖިންސީ ގުޅުން ހިންގުމަށް ވަކި ޖިންސެއް ނޯންނަކަމަށް ބުނެ ބޭނުން ކޮންމެ ޖިންސަކާއެކު ޖިންސީ ގުޅުން ހުއްދަ ކުރުމަށް ގޮވާލާ ނުރައްކާތެރި "އެލްޖީބީޓީ" ފިކުރުގެ ދެ އެކްޓިވިސްޓަކު މަރަން އީރާނުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

އީރާނުގެ އުރުމިޔާ ސަރަހައްދުގެ ޖިނާއީ ކޯޓުން މަރަން ހުކުމްކުރީ އީރާނުގެ މުޖްތަމައުގައި "އެލްޖީބީޓީ"ގެ ފަނާކުރަނިވި ފިކުރު ޕްރޮމޯޓު ކުރަން މަސައްކަތްކުރާ އެގައުމުގެ ޒުވާން ދެ އަންހެނުންކަމަށްވާ ޒަހުރާ ސިއްދީގީ ހަމަދާނީ އާއި އިލްހާމް ޗޮބްދާރުގެ މައްޗަށެވެ. މި ދެ އަންހެނުންނަކީ ވެސް "އެލްޖީބީޓީ" ފިކުރު ޕްރޮމޯޓްކޮށް ދުނިޔޭގައި އެފިކުރު ފަތުރަން މަސައްކަތްކުރާ ޔޫރަޕްގެ ޖަމާއަތްތަކާ ގުޅުން އޮންނަ ދެމީހުން ކަމަށް އީރާނުގެ ނޫސްތައް ބުނެއެވެ.

އެ ދެމީހުން އަތުލައިގަނެ ހައްޔަރުކޮށް އެ ދެމީހުންގެ މައްޗަށް ތަހުގީގު ހިންގާފައިވަނީ އީރާނުގެ ފުލުހުންގެ ތެރޭގައި ހިމެނޭ ދީނީ ފުލުހުންގެ ވިންގުންނެވެ. ދީނީ ފުލުހުންނަކީ އީރާނުގެ ފުލުހުންގެ ތެރޭގައި އަމުރު މައުރޫފުކޮށް މުންކަރާތްތައް ނަހީކުރުމުގެ މަސައްކަތަށް ޚާއްސަ ވިންގެކެވެ. ތަހުގީގަށްފަހު އެދެމީހުންގެ މައްޗަށް ދައުވާކުރަން ޕަބްލިކް ޕްރޮސެކިއުޓަރަށް ފޮނުވީ އީރާނުގެ ފުލުހުންގެ މުއައްސަސާއިންނެވެ.

"އެލްޖީބީޓީ" ފިކުރު އީރާނުގައި ފަތުރާ އެދެމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުމުން ޔޫރަޕާއި އެމެރިކާގައި އިންސާނީ ހައްގުތަކުގެ ނަމުގައި ހަރަކާތްތެރިވާ ލާދީނީ އަދި ލެބެރަލް ފިކުރުގެ ޖަމާއަތްތަކުން ވަނީ އެދެމީހުން މިނިވަންކުރުމަށާއި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް އީރާނުގެ ސަރުކާރަށް ގޮވާލާފައެވެ. ހުޅަނގުގެ ލާދީނީ ޖަމާއަތްތަކުން "އެލްޖީބީޓީ" ސިފަކުރަނީ އިންސާނީ ހައްގެއްގެ ގޮތުގައެވެ.

ޒަހުރާ ސިއްދީގީ އާއި އިލްހާމް ޗޮބްދާރުގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ "ބިމުގައި ފަސާދަ ފަތުރަން" މަސައްކަތް ކުރުމުގެ ކުށް ސާބިތުވެގެންނެވެ. އީރާނުގައި އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ އެންމެ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް އީރާނުގައި ދެވޭ އަދަބަކީ ހައްދު ޖެހުމާއެކު އުމުރަށް ޖަލަށްލުމެވެ.

ނަމަވެސް އެއްޖިންސުން ގުޅުން ޕްރޮމޯޓުކޮށް އެކަން ފަތުރަން މަސައްކަތްކުރުމަކީ އީރާނުގެ ގާނޫނު ބުނާގޮތުން ބިންމަތީގައި ފަސާދަ ހިންގުމެވެ. ނުވަތަ ބިމުގައި ފަސާދަ ފެތުރުމެވެ. މިއީ އީރާނުގައި މަރުގެ އަދަބު ދެވޭ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ.

އީރާނަކީ އެމެރިކާއާއި ޔޫރަޕަށް ބޯ ނުލަނބާ އަމިއްލަ ވަންތަ ސިޔާސަތެއް ގެންގުޅޭ ގައުމަކަށްވާތީ މި ދެއަންހެނުން މަރުގެ އަދަބުން ސަލާމަތް ކުރުމަށް އެމެރިކާއާއި ޔޫރަޕުގެ ޖަމާއަތްތަކަށް ވެސް އަދި ސަރުކާރުތަކަށް ވެސް ކުރެވޭނެ ކަމެއްނޯންނާނެއެވެ. މީގެކުރިން ވެސް އެމެރިކާއާއި ޔޫރަޕުން އިލްތިމާސްކޮށްކޮށް އޮއްވައި އެތައް ބަޔަކަށް އެކި ކުށްތަކާ ގުޅިގެން އީރާނުގައި މަރުގެ އަދަބު ތަންފީޒުކޮށްފައިވެެއެވެ.

"އެލްޖީބީޓީ" ގެ ފަސާދައިގެ ނުރައްކާތެރި ފިކުރު ފެތުރުމުގެ މައި މަރުކަޒުތަކަކީ އެމެރިކާއާއި ހުޅަނގު ޔޫރަޕްގެ ގައުމުތަކެވެ. އެފަނާކުރަނިވި ފިކުރަށް މަދަދު ދެނީ އެމެރިކާއާއި ޔޫރަޕްގެ ސަރުކާރުތަކުންނެވެ. "އެލްޖީބީޓީ" އަށް ތާއީދުކުރާ އަދި އެފިކުރުގެ މީހުން ގަބޫލުކުރާ ގޮތުގައި އެމީހަކު ބޭނުން ގޮތަކަށް އަދި ބޭނުން ކޮންމެ ޖިންސެއްގެ މީހަކާއެކު ޖިންސީ ގުޅުން ހިންގެން ޖެހޭނެއެވެ. އެއީ ކޮންމެ މީހަކަށް ފަރުދީގޮތުން ގްރޫޕްކޮށް ބޭނުންވާ މީހުންނަށް އަދި ޖަމާއީ ގޮތުން އޮންނަންޖެހޭ މިނިވަންކަމެއް ކަމަށް އެ މީހުން ބުނެއެވެ. އަދި އެއީ އިންސާނީ ހައްގެެއް ކަމަށްވެސް ދައުވާ ކުރެއެވެ.

ނަމަވެސް "އެލްޖީބީޓީ" ފިކުރަކީ އިންސާނީ ނަސްލު ހަލާކުކޮށްލާ ފިކުރެއްކަމަށް ދުނިޔޭގެ މުސްލިމުންނާއި މުސްލިމް ނޫން ވެސް ގިނަ ބަޔަކު ދެކެއެވެ. އެމެރިކާއާއި ޔޫރަޕްގެ ކޮންޒަވެޓިވް ވިސްނުމުގެ މީހުންގެ ނަޒަރުގައިވެސް "އެލްޖީބީޓީ" ފިކުރަކީ އިންސާނީ ނަސްލު ހަލާކުކޮށްލާ ފިކުރެކެވެ.

"އެލްޖީބީޓީ" ފިކުރާ އެންމެ އިދިކޮޅީ މުސްލިމުންނެވެ. މުސްލިމުންގެ އިތުރުން ނަސާރާއިންގެ އޯޓޮޑޮކްސް އާއި ކެތަލިކް މަޒުހަބުތަކުގެ މީހުންނާއި ޔަހޫދީންގެ ވެސް ކޮންޒަވެޓިވް މީހުން އެ ފިކުރާ ދެކޮޅު ހަދައެވެ. ނަސާރާ އިންނާއި ޔަހޫދީންގެ ތެރެއިން "އެލްޖީބީޓީ" ގެ ފަސާދަ ފިކުރަށް ތާއީދުކުރަނީ ސެކިއުލާ އަދި ލެބެރަލް ފިކުރުމުގެ މީހުންނެވެ.

ނަސްރާނިއްޔަތަކީ ރަސްމީ ދީންކަމުގައި އޮންނަ އެތައް ގައުމަކުން ވެސް "އެލްޖީބީޓީ" އާ ދެކޮޅަށް ހަނގުރާމަކުރެއެވެ. އަދި އެފިކުރު ފަތުރާ މީހުންނަށް ބޮޑެތި އަދަބުތައް ދެމުން ގެންދެއެވެ. އަދި ސަރުކާރުގެ ލެވެލްގައި އަދަބު ނުދީ ފިޔަވަޅު ނާޅާނަމަ އެފްރިކާގެ ބައެއް ގައުމުތަކުގެ އާންމުން ވެސް އެފިކުރު ފަތުރާ މީހުންނަށް ހަމަލާދެއެވެ.

"އެލްޖީބީޓީ" ފިކުރު ފަތުރާ މީހުންނަށް ރަސްމީކޮށް އަދަބުދޭ ނަސާރާ ގައުމުތަކުގެ ތެރޭގައި ޔުގަންޑާ ހިމެނެއެވެ. "އެލްޖީބީޓީ" އާ ދެކޮޅަށް ފިޔަވަޅުއަޅާ ގައުމުތަކަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ގެންދަނީ ދަތިކުރުމުގެ އިތުރުން ބިރުވެސް ދައްކަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް