ތިން ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު މިއަދަށް ހަމަވާނެ

މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން -- ސަން ފޮޓޯ/ ނާއިލް ހުސައިން

އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ހުށަހަޅާފައި ނުވާތީ ތިން ސްކޮލާޝިޕަކަށް ހުށަހެޅުމަށް އިތުރުކުރި މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެއެވެ.

ހަޔާ އެޑިއުކޭޝަނުން ހުޅުވާލި އެ ތިން ސްކޮލާޝިޕަކީ ހުރިހާ ޚަރަދަކާއެކު އިންޑިއާގައި ހުރެ އިންޖިނިއަރިންގެ ތިން ކޯހެއް ފުރިހަމަ ކުރުމުގެ ފުރުސަތެވެ.

އެގޮތުން ބެޗްލާ އޮފް ޓެކްނޮލޮޖީ އިން މެކޭނިކަލް އިންޖިނިއަރިންގެ ދެ ކޯހަކާއި ބެޗްލާ އޮފް ޓެކްނޮލޮޖީ އިން ސިވިލް އިންޖިނިއަރިންގެ ކޯހެއް ފުރިހަމަ ކުރެވޭނެއެވެ.

ބެޗްލާޒް ޑިގްރީގެ ތިން ސްކޮލާޝިޕަކަށް އެންމެ ފުރަތަމަ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންއިން ހުޅުވާލީ އޯގަސްޓް މަހުގެ 17ވަނަ ދުވަހުއެވެ.

ނަމަވެސް އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ ހަޔާ އެޑިއުކޭޝަނުން ވަނީ މިދިޔަ އާދިއްތަ ދުވަހު އަނެއްކާވެސް އެ ސްކޮލާޝިޕްތަކަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައެވެ.

އާދިއްތަ ދުވަހު މިނިސްޓްރީން ކުރި އިއުލާނުގައި ވާ ގޮތުން އެ ސްކޮލާޝިޕްތަކަށް ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ މިއަދުގެ މެންދުރު 12:30އަށެވެ.

އެ ސްކޮލާޝިޕްތަކަށް ހުށަހެޅުމުގެ ޝަރުތުތަކު ތެރޭގައި ޖީސީއީ އޯލެވެލް އަދި އައިޖީސީއެސްސީ ނުވަތަ އެސްއެސްސީ އިމްތިހާނުގެ ފަސް މާއްދާއިން "ސީ" ފާސް ހޯދައިފައިވުމާއި ޖީސީއީ އޭލެވެލް ތިން މާއްދާއިން "އީ"އިން ފެށިގެން މަތީ ގްރޭޑެއް ހޯދައިފައިވުމާއި ކޯހާއި ގުޅިގެން ހުންނަ އިތުރު ޝަރުތުތައް ފުރިހަމަވެފައިވާ މީހެއްކަމުގައި ވާންޖެހެއެވެ.

ސްކޮލާޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު، މިއަދު މެންދުރު 12:30ގެ ކުރިން ހަޔާ އެޑިއުކޭޝްގެ ޕޯޓްލްއެއް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެއެވެ.

ސްކޮލަޝިޕާ ގުޅޭ އިތުރު މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުން މިހާރު ލިބޭނެއެވެ.

comment ކޮމެންޓް