ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް 2022ގައި ސިންގަޕޫރު އަތުން ރާއްޖޭގެ އަންހެން ޓީމް ބަލިވެއްޖެއެވެ.
އެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ސިންގަޕޫރާ ވާދަކޮށް ރާއްޖެ ބަލިވީ 96-10 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ ދެ ކުއާޓާގައި ސިންގަޕޫރުން ވަނީ 40 ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. ސިންގަޕޫރުން 47 ޕޮއިންޓު ކާމިޔާބުކުރިއިރު ރާއްޖެއަށް ކާމިޔާބުކުރެވުނީ އެންމެ ހަތް ޕޮއިންޓެވެ.
ރާއްޖެ ކުޅުނު އެ މެޗުގައި ރާއްޖެ ޓީމުގެ ދިފާއީ ކުޅުންތެރިޔާ މަރިޔަމް ރަނާއަށް އަނިޔާވެ އޭނާ ވަނީ ބާލާފައެވެ. އެހެންކަމުން މެޗުގައި ޑިފެންސް ކުރުމުގައި ރާއްޖޭގެ ޓީމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް 2022ގައި ސިންގަޕުރާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ނެޓްބޯލް ސިންގަޕޯ
ސިންގަޕޫރަކީ އޭޝިއާގެ ނެޓްބޯޅައިގައި ގަދަ އެއްބާރެވެ. އެ ގައުމު ވަނީ 15 ފަހަރެއްގެ މަތިން ނެޓްބޯޅަ ވޯލްޑްކަޕްގައި ވާދަކޮށްފައެވެ. އަދި އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި 11 ފަހަރެއްގައި ބައިވެރިވެ އަށް ފަހަރު ވަނީ ފައިނަލްގައި ކުޅޭފައެވެ. އޭގެތެރެއިން ތިން އަހަރުގެ ޗެމްޕިއަނުންނަކީ އެ ޓީމެވެ.
މިއަހަރު ސިންގަޕޫރުގައި ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި 11 ޓީމަކުން ބައިވެރިވެއެވެ. އެ މުބާރާތް ކުރިއަށް ދަނީ މި މަހުގެ ތިން ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށެވެ.