ޝަހުމް މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް

ޝަހުމް: އޭނާ މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ---

މީގެ 10 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ސ. ހިތަދޫ ވަރުދީގޭ އަހްސަން ބަޝީރު މަރާލިކަމުގެ ކުށް ސާބިތުވެ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މަޖީދީމަގާއި އަލިކިލެގެފާނުމަގު ގުޅޭ ހިސާބުގައި ތޫނު އެއްޗަކުން ހަމަލާދީ އަހްސަން ބަޝީރު މަރާލައިފައިވަނީ 2011ވަނަ އަހަރުގެ މާޗް މަހުގެ 17ވަނަ ދުވަހުގެ މެންދަމު 3:20ގައެވެ.

އެ މައްސަލައިގައި ދައުވާކުރި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް އާއި މއ. ވީނަސްތަރި، ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށް ދައުލަތުން ކުރީ ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ. އެހެން ނަމަވެސް އެ ކުށް އެ ދެ މީހުންގެ މައްޗަށް ސާބިތު ނުވާ ކަމަށް އޭރު ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

އިސްތިއުނާފަށް ހުށަހެޅިތާ އެތައް އަހަރެއް ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ހައި ކޯޓުން ވަނީ, ޝަހުމާއި ޝިމާޒަށް ކުށް ސާބިތުވާކަމަށް ހުކުމްކޮށްފައެވެ.

މަރަށް މަރު ހިފުމަށް އަހްސަން ބަޝީރުގެ ހުރިހާ ވާރިސުން އެދުމުން ހައި ކޯޓުން ކޮށްފައިވާ މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށް ދައުލަތުން މިދިޔަ ހަފްތާގައި ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ޝަހުމުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ނުކުރުމުން ދައުލަތުން ހުށަހެޅި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން އަދި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމައެވެ.

އަހްސަން ބަޝީރު މަރާލުމުގެ ކުރިން 2010 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މާޒިޔާ ދަނޑުގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލި މައްސަލައާ ގުޅިގެން ވެސް ޝަހުމް ހައްޔަރުކުރިއެވެ.

އަހްސަން ބަޝީރު މަރާލާފައިވަނީ ޝަހުމް ދޫކޮށްލާފައި ހުއްޓައެވެ. އަދި އޭގެ ފަހުން ޝަހުމުގެ މައްޗަށް ވަނީ މުހައްމަދު ހުސައިން މަރާލި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެފައެވެ. އިއްވާފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔައިރު 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ޝަހުމް ވަނީ މާފުށީ ޖަލުން ފިލައިގެން މާލެ އައިސްފައެވެ. އަދި އޭނާ އަލުން ހައްޔަރުކޮށްފައި ވަނީ އޭގެ ފަސް ދުވަސް ފަހުން މާވެޔޮމަގުގައި ހުންނަ ގެސްޓް ހައުސެއްގެ ތެރެއިންނެވެ.

comment ކޮމެންޓް