އައިމިންދައްތަގެ ސަސްޕެންޝަން އުވާލައި މުސާރަ ދޭން އެންގި އެންގުމަށް ސްކޫލުން ތަބައެއް ނުވި

ޝަރަފުއްދީން ސްކޫލް: އައިމިންދައްތަގެ ސަސްޕެންޝަން އުވާލައި އެ ދުވަސްތަކަށްވާ މުސާރަ އާއި އިނާޔަތްތައް ދިނުމަށް އެންގި އެންގުން ތަންފީޒު ކުރުމަށް އެ ސްކޫލުން ވަނީ ދެކޮޅު ހަދައިފައި ---

އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އައިމިންދިޔެ (އައިމިންދައްތަ) ވަޒީފާއިން ސަސްޕެންޑު ކުރީ ގޯސްކޮށް ކަމަށް ނިންމައި ވަޒީފާއަށް ނެރެ، އެ މުއްދަތުގައި ދޭންޖެހޭ މުސާރަ އާއި އިނާޔަތް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން އެންގުމުން ވެސް އެ ސްކޫލުން އެ އެންގުމަށް އަމަލެއް ނުކުރިއެވެ.

ސިވިލްސާވިސް ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ފޮނުވި ސިޓީގައި ވަނީ (އައިމިންދައްތަ) ސަސްޕެންޑުކޮށްފައި ވަނީ ސިވިލް ސާވިސް ގަވައިދާ ޚިލާފަށް ކަމަށެވެ.

އެ ކޮމިޝަނުން ބެލިބެލުމުން އެނގުނު ގޮތުގައި އައިމިންދައްތަ ސަސްޕެންޑުކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އެގޮތަށް އިރުޝާދު ދެއްވުމުން ކަމަށް ވެސް އެ ސިޓީގައިވެއެވެ.

އެހެންކަމުން އައިމިންދައްތަ އަނބުރާ ވަޒީފާއަށް ނެރުމަށާއި ވަޒީފާއަށް ނުނެރެ ބެހެއްޓި މުއްދަތަށް ހައްގުވާ މުސާރަ އާއި އިނާޔަތްތައް ހަމަޖެއްސުމަށްފަހު މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ 14:00ގެ ކުރިން އެކަން އެ ކޮމިޝަނަށް އަންގައިދިނުމަށް ސިވިލް ސާވިސް ކޮމިޝަނުގެ ސިޓީގައި އެދިފައިވެއެވެ.

ނަމަވެސް އެ އެންގުމާ އެއްގޮތަށް ޝަރަފުއްދީން ސްކޫލުން އަމަލުކޮށްފައިނުވާކަމަށް އައިމިންދައްތަގެ އާއިލާއިން "ސަން"އާ ވާހަކަދެއްކި މީހަކު ބުންޏެވެ.

"އަޅުގަނޑުމެން ކަހަލަ އާދައިގެ ނިކަމެތި ބަޔަކަށް މިވަރުގެ ބޮޑު އަނިޔާއެއް މިދެނީ ކީއްވެތޯ. އައިމިންދައްތަގެ މައްޗަށް ކުރި ތުހުމަތުގައި އެއްވެސް އަސާސެއް ނެތްކަން އެއޮތީ ހާމަވެފަ. ތުހުމަތު ކުރެވެނީ ކާކަށް ކަން އެއޮތީ އެނގެން. ކަން މިހެން އޮތުމުން ސަސްޕެންޝަން އުވާލަން އެންގުން ތަންފީޒު ނުކުރަން މިއުޅެނީ ކީއްވެތޯ. ދެރަ ނިކަމެތި އަދައިގެ ރައްޔިތު މީހާއަށް މި ގައުމުގައި އިންސާފު ނެތީތޯ،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

އައިމިންދައްތަ ހުރީ ސިވިލްސާވިސް ވަޒީފާއެއްގައި ކަމަށްވާއިރު، އެ ކޮމިޝަނުން އަންގާ އެންގުންތަކަށް ޝަރަފުއްދީން ސްކޫލުން އަމަލުނުކުރަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވެސް އާއިލާއިން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.

އައިމިންދައްތަ ސަސްޕެންޑުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް ވަނީ މައްސަލަ ހުށަހަޅައިފައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ މައްސަލައިގައި އައިމިންދައްތަ ހައްޔަރުކުރީ މި އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުއެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އެ އަމުރު އައިމިންދައްތަގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު, އެ ކޯޓުން ވަނީ އެ އަމުރަށް ތާއިދުކޮށްފައެވެ.

އައިމިންދައްތަ ބަންދުން ދޫކޮށްލީ 22 ދުވަސް ފަހުން، ދައުވާކުރަން އެކަށޭނަ މިންވަރަށް ހެކި ނެތް ކަމަށް ބުނެއެވެ.

އޭނާ ހައްޔަރުކުުރުމާ ގުޅިގެން އައްޑޫގައި ވަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ބާއްވާފައެވެ. އައިމިންދައްތަގެ އާއިލާގެ މީހުން ބުނާ ގޮތުގައި އެ ކުއްޖާއަށް ގޯނާކުރީ ކާފަ ކަމަށް އެ ކުއްޖާ ވަނީ ތަހުގީގަށް ކިޔައިދީފައެވެ.

ނަމަވެސް، ފުލުހުން ބުނީ އެ މައްސަލައިގައި އިތުރު މީހަކަށް އެ މައްސަލައިގައި ތުހުމަތުކުރެވޭނެ އެއްވެސް ހެއްކެއް ލިބިފައިނުވާކަމަށެވެ.

comment ކޮމެންޓް