ފ. ބިލެއްދޫގައި މަސައްކަތް ކުރަން އުޅޭ ބިދޭސީންތަކެއް ރަށުތެރޭގައި ބުދަކަށް އަޅުކަންކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.
ބިދޭސީ ބަޔަކު ބުދެއް ހިފައިގެން ބިލެއްދޫ މަގެއްމަތިން ހިނގާފައިދާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އަދި އެ މީހުން ދިރިއުޅޭ ތަން އެރަށު ރައްޔިތުން ބަލައި ފާސް ކުރާ ވީޑިއޯއެއްވެސް ދަނީ ދައުރުވަމުންނެވެ.
އެކަމާ ގުޅިގެން އެރަށު ކައުންސިލްގެ ރައީސް އަޙްމަދު އަސްލަމް މިއަދު 'ސަން'އަށް ވިދާޅުވީ އެކަން ހިނގާފައިވަނީ އިއްޔެ މެންދުރު ކަމަށެވެ. އަދި އެ މައްސަލަ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވަނީ ރޭގެ ވަގުތެއްގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެ މައްސަލަ ތަހުގީގު ކުުރުމަށް ފ. ނިލަންދޫއިން ފުލުހުންގެ ޓީމެއް އެ ރަށަށް ދާދި ދެންމެއަކު ގޮސްފައިވާ ކަމަށާއި، އެ މީހުންނަށް އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅައިދިނުމަށް ކައުންސިލުން އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ މައްސަލައިގައި ޝާމިލުވާ ކަމަށް ބެލެވެނީ އިންޑިއާއަށް ނިސްބަތްވާ ތިން މީހެއް. އަޅުގަނޑުމެން އެދުނިން އެކަމުގަ ޝާމިލުވާ އެންމެންނަށް ވެސް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް،" އަސްލަމް ވިދާޅުވިއެވެ.
އެ ބިދޭސީންގެ ގެ ބަލައިފާސް ކުރުމުގައި ހަރަކާތްތެރިވި އެރަށު ރައްޔިތަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ ބިދޭސީން ދިރިއުޅެމުން ދިޔަ ދެ ތަނެއް ފުލުހުންނާއި ކައުންސިލާއި އާންމު ބައެއް ރައްޔިތުންގެ ހާޒިރުގައި ބަލައިފައިވާ ކަމަށެވެ. އަދި އެމީހުންނާ ސުވާލު ކުރުމުން އެއީ އެމީހުން އަމިއްލައަށް ހެދި ބުދެއް ކަމަށް އެމީހުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
"އެމީހުން ބުނީ އެ ބުދަކީ އެމީހުން އަމިއްލައަށް ހެދި އެއްޗެއް ކަމަށް. އެއީ ޗަކައިން ހަދާފައިވާ ބުދެއް ކަމަށް ބުނި. އަދި އެމީހުން ގެންގުޅުނު ކުލަ ފޮއްޓަކުން އޭގައި ކުލަ ޖައްސާފައިވާ ކަމަށް އެމީހުން ވަނީ ބުނެފަ،" އެރަށުން 'ސަން'އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ބިދޭސީން ދިރިއުޅެމުން އައި ތަނުން އިތުރު ބުދެއް ފެނިފައެއް ނުވެއެވެ. ނަމަވެސް އެތަނުން ޗަކައާއި ކުލަ ފޮށި ފެނިފައިވާކަން އޭނާ ފާހަގަކުރިއެވެ.
"އެ މީހުން ބުނީ އެ ބުދަށް އަޅުކަން ކުރުމަށްފަހު އެ ބުދު މޫދަށް ފައްތާފައިވާ ކަމަށް،" އޭނާ ބުންޏެވެ.
އެމައްސަލައިގައި ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެެވެ.