އިންޓަސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް މިމަހުގެ 17ވަނަ ދުވަހު

އިންޓަސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް އިފްތިތާހުކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސުގެ ތެރެއިން --- ފޮޮޓޯ/ ދިރާގު

ދިރާގާއި، ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ ތިންވަނަ "މަމެން އިންޓަސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް"ގެ މިއަހަރުގެ މުބާރާތް މި މަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ކޮވިޑާ ގުޅިގެން، ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ މި މުބާރާތް މި ފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސައިކަލު ޓްރެކުގައެވެ. ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ މި މުބާރާތުގައި ޖުމްލަ 10 އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓުތަކަކީ:

  • 1000 މީޓަރުގެ ފަން ރައިޑް (11 އަހަރުން ދަށް)
  • 200 މީޓަރު ސްޕްރިންޓް (13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް، 19 އަހަރުން ދަށް: އަންހެން/ ފިރިހެން)
  • 1000 މީޓަރުގެ ރައިޑް (13 އަހަރުން ދަށް، 15 އަހަރުން ދަށް: އަންހެން/ ފިރިހެން)
  • 3000 މީޓަރުގެ ރައިޑް (17 އަހަރުން ދަށް، 19 އަހަރުން ދަށް: އަންހެން/ ފިރިހެން)
  • 3000 މީޓަރުގެ ޓީމް ޕާސޫޓް

މި އިވެންޓުތަކުގެ ތެރެއިން 1000 މީޓަރުގެ ފަން ރައިޑް ފިޔަވާ އެހެން ހުރިހާ އިވެންޓަކުން ގަދަ ތިންވަނައަށް ދާ ބައިވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ އަށްވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވެއެވެ. އެކަމަށް އެދި ހުށަހަޅާ ފޯމު ދިރާގާއި، ބައިކް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބެން ހުރިއިރު، އެ ފޯމު ބައިވެރިންނާ ހަވާލުކުރާނީ އެ ބައިވެރިޔަކު ނިސްބަތްވާ ސްކޫލަކުން ކަމަށް ދިރާގުން ބުނެއެވެ.

comment ކޮމެންޓް