ސާނޭގެ ގޯލުން މުންޗެންގްލަޑްބެކު އަތުން ބަޔާން ބަލިނުވެ ސަލާމަތްވެއްޖެ

ބަޔާން އަދި މުންޗެންގްލަޑްބެކް ބައްދަލުކުރި މެޗުގެ ތެރެއިން---

ޖަރުމަނު ބޮންޑަސް ލީގާގައި މިރޭ ސާނޭ ފަހުވަގުތު ޖެހި ގޯލުން ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން ބަލިނުވެ، ޗެމްޕިއަން ބަޔާން މިއުނިކް ސަލާމަތްވެއްޖެއެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެެވެ.

މިރޭގެ މެޗުގައި ބާޔާންއިން މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. އެގޮތުން ބަޔާންއިން ފޮނުވާލި 19 ހަމަލާގެ ހުރަހަކަށް ވެފައިވަނީ މުންޗެންގްލަޑްބެކްގެ ކީޕަރު ޔެން ސޮމާއެވެ.

އޭނާ އެ މެޗުގައި ގިނަ ސޭވްތަކެއް ކޮށްފައިވާތީ އޭނާ ވަނީ ޖަރުމަނު ލީގުގެ ތާރީހުގެ ތެރެއަށް ވަދެފައެވެ. މިގެކުރިން މެޗެއްގައި 14 ސޭވްކޮށްގެން އެންމެ ގިނަ ސޭވްކުރި ކުޅުންތެރިޔާގެ ގޮތުގައި ހުރީ ހަމްބާގްގެ ކީޕަރު ޝްވޯލޯވްއެވެ. ނަމަވެސް 19 ސޭވް ކޮށްގެން މިރޭ ސޮމާ ވަނީ އެ ރެކޯޑު މުގުރާލައިފައެވެ.

މިރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ މުންޗެންގްލަޑްބެކްއިންނެވެ. އެ ގޯލަކީ މެޗުގެ 43 ވަނަ މިނެޓުގައި މާކުސް ތޫރަމް ޖެހި ގޯލެކެވެ.

ބަޔާންއިން ގޯލުޖެހުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 83 ވަނަ މިނެޓުގައި ޖަމާލް މުސިއާލާ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުންހިފައި ލިއޮރޭ ސާނޭ ޖަހައިދިން ގޯލުންނެވެ.

މިރޭގެ މެޗުން ބަޔާން އެއްވަރުވި ނަމަވެސް ބަޔާންއަށް ލީގުގެ އެއްވަނަ ލިބެނީ ޔޫނިއަން ބާލިންއާ އެއްވަރަށް ޕޮއިންޓު ލިބި ގޯލު ތަފާތުންނެވެ. ދެ ޓީމު ވެސް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓު ހޯދާފައިވާއިރު ބަޔާންއަށް ފައިދާ ގޯލުގެ ގޮތުގައި 14 ގޯލު ލިބޭއިރު ޔޫނިއަން ބާލިއަންއަށް ލިބެނީ އަށް ފައިދާ ގޯލެވެ. މުންޗެންގްލަޑްބެކް އޮތީ ހަތަރު މެޗު ކުޅެ ލިބުނު އަށް ޕޮއިންޓާއެކު ތާވަލްގެ ހަވަނައިގައެވެ.

comment ކޮމެންޓް