މ. މަޑުއްވަރީ ބަނދަރުގެ މަސައްކަތް ނުފެށި ލަސްވަނީ ބަނދަރުގެ ކުރެހުމާ މެދު އެ ރަށު ރައްޔިތުންގެ މެދުގައި ޚިލާތަފާތުވުން އޮތީމަކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް މިހާރު މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ މަޑުއްވަރީއަށް ވަޑައިގެން އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި އެރަށުގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިހުރި މަޝްރޫއުތަކާގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. އެ ބައްދަލުވުން އޮތީ މިއަދު މެންދުރު ފަހު، މަޑުއްވަރީ ކައުންސިލް އިދާރާގައެވެ.

ރައީސް ޞާލިޙު މ. މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރެއްވުން --- ފޮޓޯ ރައީސް އޮފީސް
އެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ހިންގާފައި ނުވާހާ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން ހިންގަމުންދާކަން ފާހަގަކުރައްވައި ރައީސްއަށާއި ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.
ކައުންސިލުން ވަނީ މަޑުއްވަރިއަށް ދިމާވެފައިވާ މައްސަލަތަކާއި ހުރި ދަތިތަކާ ގުޅޭ ގޮތުން ކައުންސިލުން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ވެސް ދައްކާފައެވެ.
އެގޮތުން މަޑުއްވަރީގެ ބަނދަރުގައި ނިވާކަމެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ދެ މޫސުމަށް އުދައެރުމާއި ރަށްގިރުމާއި ކުނީގެ މައްސަލަ އާއި ޒުވާނުންގެ މަރުކަޒެއް ނެތުމާއި ސްކޫލުގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރިއެވެ.
އެ ބައްދަލުކުރެއްވުމުގައި އެންމެ ބޮޑަށް މަޝްވަރާ ކުރެވިފައިވަނީ މަޑުއްވަރީގެ ބަނދަރާ ގުޅޭ ގޮތުން ކަމަށްވާއިރު މަޑުއްވަރީގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރެވިފައިވީ ނަމަވެސް، އެމަސައްކަތް ނުފެށި އޮތީ ބަނދަރުގެ ކުރެހުމާ މެދު މަޑުއްވަރީގެ ރައްޔިތުންގެ މެދުގައި ޚިޔާލުތަފާތުވުމުންނެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މަޑުއްވަރީގެ ބަނދަރު ހެދޭނީ އެ ރަށު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު ރައްޔިތުން ބޭނުންވާ ގޮތް އެކަމުގައި ހިމެނިގެން ކަމަށެވެ.

ރައީސް ޞާލިޙު މ. މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރެއްވުން --- ފޮޓޯ ރައީސް އޮފީސް
މަޑުއްވަރީގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި ފެނާނަރުދަމާގެ މަސައްކަތް ހިމެނެއެވެ.
މަޑުއްވަރީގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށްފަހުގައި ރައީސް ވަނީ މަޑުއްވަރީގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
މ. އަތޮޅުގެ ފަސް ރަށަކަށް ރައީސް ކުރައްވާ އެ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅު ރަތްމަންދޫއަށެވެ. ރަތްމަންދޫއަށް ވަޑައިގެން ރައީސް ވަނީ އެ ރަށު ރަތްޔިތުންނާއި އެ ރަށު ކައުންސިލާއި އަންހެނުން ކޮމިޓީއާ ވެސް ބައްދަލުކުރައްވާ އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.
ރައީސްގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ.