ދަނބިދޫގައި އެންމެ ގިނަ މަޝްރޫއު ހިންގީ ރައީސް ޔާމީންގެ ސަރުކާރުން: ކައުންސިލްގެ ނައިބު ރައީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ލ. ދަނބިދޫ ކައުންސިލާ ބައްދަލުކުރެއްވުން --- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ އެއްވެސް ސަރުކާރަކުން ލ. ދަނބިދޫގައި ހިންގާފައިނުވާ ވަރަށްވުރެ ގިނަ މަޝްރޫއު މި ސަރުކާރުން އެރަށުގައި ހިންގާ ކަމަށް ބުނެ އެ ރަށު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވެފައިވާތީ ކައުންސިލްގެ ނައިބު ރައީސް ހުސައިން ފަޒީލު ދޮގު ކުރައްވައިފިއެވެ.

ރައީސް ޞާލިޙު، ދަނބިދޫ ކައުންސިލާއެކު މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ އެކި ކަންކަން އެމަނިކުފާނާ ހިއްސާކޮށްފައެވެ.

އެ ބައްދަލުވުމުގައި ކައުންސިލަރުން ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުތަކުން ދަނބިދޫގައި މާގިނަ ތަރައްގީގެ މަޝްރޫއުތަކެއް ހިންގާފައި ނުވާތީ ރައްޔިތުން މާޔޫސްވެފައިވާ ކަމަށެވެ.

ނަމަވެސް އެ ވާހަކަ ދޮގު ކުރައްވައި އެ ރަށު ކައުންސިލުގެ ނައިބު ރައީސް ފަޒީލު މިއަދު "ސަން"އަށް ވިދާޅުވީ ދަނބިދޫ ރައްޔިތުން މާޔޫސްވި ސަރުކާރަކަށް އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ކަމަށެވެ.

"ނަޝީދުގެ ސަރުކާރުން ނެތް މި ރަށުގެ ތަރައްގީއަށް އެއްވެސް ކަމެއް ކޮށްދީފައެއް. އެކަމަށް މި ރަށު ރައްޔިތުން ހެކިވާނެ،" އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ލ. ދަނބިދޫ ކައުންސިލާ ބައްދަލުކުރެއްވުން --- ފޮޓޯ/ ރައީސް އޮފީސް

ނަމަވެސް ދަނބިދޫއަށް އެންމެ ގިނަ ކަންކަން ކޮށްދެމުން ދަނީ ރައީސް ޞާލިޙުގެ ސަރުކާރުން ކަމަށް އެ ރަށު ކައުންސިލަރުން ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވީ 30 އަހަރުގެ މުއްދަތުގައި ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ރަށަށް ގެނެސްދީފައިނުވާ ތަރައްގީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގެނެސްދީފައިވާ ކަމަށެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަމެއްގައި އެރަށުގައި ބަނދަރެއް ތަރައްގީކޮށް އެ ރަށު ސުކޫލުގައި ދެ ބުރީގެ އިމާރާތެއް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށު ސިއްހީ މަރުކަޒުގައި ވޯޑު ހިމެނޭ ގޮތަށް އާ އިމާރާތެއް އެޅުމުގެ އިތުރުން އެ ރަށުގައި ކޯޓު އިމާރާތެއް އަޅައި އެސްޓީއޯގެ ފާމަސީއެއް ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ރަށުގެ ބޯފެން ރައްކާކުރާނެ ނިޒާމެއް ހަމަޖައްސައި ރަށުގައި ގާއުމުކުރާނެ ކުނިކޮށްޓަށް ބޭނުންވާނެ ޑަސްބިންތަކާއި މެޝިނެރީތައް ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ހޯދައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ބަލި މީހުން އުފުލޭނެ ގޮތެއް ނެތިފައި ވަނިކޮށް މުޅިން އާ އެމްބިއުލާންސްއެއް ފޯރުކޮށްދިނުމުގެ އިތުރުން ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރު ޔަގީން ކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އާ ޖެނެރޭޓަރު ސެޓެއް ރައީސް ޔާމީންގެ ވެރިކަމުގައި އެރަށަށް ހޯދައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނުއެއް ނިމޭ އަދިއެއް. 2016 ވަނަ އަހަރު ދަނބިދޫގައި ފުޓްސަލު ދަނޑަކާއި ބަށި ކޯޓަކާއި ނެޓް ބޯޅަ ކޯޓެއް އެޅުމަށްޓަކައި ވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ މަސައްތަކަތްތަކެއް ކޮށްފައި. 2016 ވަނަ އަހަރު އެބަހުރި ޔޫތު މިނިސްޓްރީން ސިޓީތަކެއް ފޮނުވާފަ. އެތަންތަން އެޅުމަށް އިއުލާނު ކޮށްދެއްވައި ލިބޭ ބިޑުތައް މިނިސްޓްރީއަށް ފޮނުވައިދެއްވުމަށް އެދި. އެހެންވީމަ އެކަންކަންވެސް ކުރުމަށް އެބަވޭ މަސައްކަތްތަކެއް ކޮށްފައި،" އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ވެސް އެރަށުގެ ތަރައްގީއަށް ކުރަމުންދާ ކަންކަން ފާހަގަކޮށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ފަޒީލް ވިދާޅުވީ މި ސަރުކާރުން އެރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތާއި ސަހަރާގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް ކަމަށެވެ.

ހަމައެއާއެކު ފެނަކައިގެ އާ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރި ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފަޒީލް ވިދާޅުވީ އިތުރު އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ދަނބިދޫގައި ކުރިއަށް ނުދާ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ލ. ދަނބިދޫ ކައުންސިލާ ބައްދަލުކުރެއްވުން --- ފޮޓޯ/ ރައީސް އޮފީސް

ނަމަވެސް ވޯލްޑްބޭންކްގެ އެހީގެ ދަށުން ލ. އަތޮޅު ހިމެނޭހެން ފަސް އަތޮޅެއްގައި ކުނިކޮށި ގާއިމު ކުރުމުގެ މަސައްކަތުގެ ތެރެއިން ދަނބިދޫގައި ކުނިކޮށީގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިހާރު އިއުލާނު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުން މިރަށުގައި މަދު މަޝްރޫއެއް ނަމަވެސް ހިންގާތީ އަޅުގަނޑު އުފާކުރަން. އެކަމަށްޓަކައި އެމަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ފަޒީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެ ރަށަށް ގެނެސްދެއްވި ތަރައްގީގެ ހަ ގުނަ ތަރައްގީ މި ސަރުކާރުން އެ ރަަށަށް ގެނެސްދިނުމަށް ދަބިދޫ ކައުންސިލްގެ ނައިބު ރައީސް ވަނީ މި ސަރުކާރަށް ގޮވާލައިފައެވެ.

comment ކޮމެންޓް